ރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ފެށި ހާއްސަ އޮޕަރޭޝަން ނިންމާލައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން ތިން ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ޖަލުތަކުގެ ސަލާމަތީ ފެންވަރު މަތިކުރުމަށް ހިންގި ވަރަށް ފުޅާ ހަރަކާތެއް ކަމަށެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ކުރިއަށްދިޔަ މި އޮޕަރޭޝަން ވަނީ ޖުމްލަ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގެ ކޮމާންޑަރު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ، މި ހަރަކާތުގައި ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެސްއޯ ސްވަޓް ޓީމާއި، ކޭނައިން ޔުނިޓާއި، ޑްރަގް އެންފޯސްމަންޓާއި، އިންޓެލިޖެންސް އަދި ފޮރެންސިކް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގެ ފުލުހުންނާއި މެރިން ޕޮލިސްވެސް މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ކަމަށެވެ. މިއީ މިހާތަނަށް ޖަލުތަކުގެ ރައްކާތެރިކަމަށްޓަކައި ހިންގުނު އެންމެ އިންތިޒާމުވެފައިވާ އަދި ނަތީޖާ ރަނގަޅު އެއް އޮޕަރޭޝަންކަމަށް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ސަބަބުން ޖަލުތަކުގެ ސަލާމަތީ ނިޒާމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ބޭނުންވި މަގުސަދުތައް ހާސިލުވެފައިވާކަމަށް އިސްހާގް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޖަލު
ޖަލު
ޖަލު
ޖަލު
ކޮމެންޓް