ސްރީލަންކާގެ ނީގަމްބޯ ޖަލުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކެއްގައި މަދުވެގެން 25 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ. މިއީ ފަހުގެ ތާރީހެއްގައި އެ ގައުމުގެ ޖަލެއްގައި ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ހާދިސާއެވެ.

މި ހަމަނުޖެހުން ފެށުނީ އިއްޔެ ރޭ، ޖަލުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ގޭންގަކަށް ނިސްބަތްވާ ގައިދީންގެ މެދުގައި ހިނގި ކުރިމަތިލުންތަކަކާ ގުޅިގެން ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިއަދު ގައިދީން ޖަލުގެ ގޭޓުތައް ފަޅާލައި ނުކުންނަން މަސައްކަތްކުރުމުން ހަމަނުޖެހުން އިތުރަށް ގޯސްވި ކަމަށާއި، ބައެއް ގައިދީން ޖަލު ގާޑުންގެ ހަތިޔާރު އަތުލާފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ޖަލު ގާޑުންވެސް ހިމެނެއެވެ. މީގެ އިތުރުން، ހަމަނުޖެހުންތަކުގެ އަޑުފައްގަނޑު ގަދަވުމާއެކު، އަންހެން ގައިދީންތަކެއް ޖަލުގެ ފުރާޅުމައްޗަށް އަރައި އެ މީހުން މިނިވަންކުރުމަށް ގޮވާލާފައިވެއެވެ. އަދި ފުރާޅުގެ ބައެއް ވެއްޓި ބައެއް އަންހެނުންނަށް އަނިޔާވި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންނަށް ނީގަމްބޯ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން ބައެއް މީހުންގެ ގަޔަށް ވަޒަން އަރާފައިވާ ކަމަށާއި، އަނެއް ބަޔަކަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޖަލުގެ ބޭރަށް ގައިދީންގެ އާއިލާތަކުން އެއްވެފައިވާއިރު، އެ މީހުންގެ އާއިލާގެ މެންބަރުންގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައިނުވާ ކަމަށް ބުނެ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރު ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސްރީލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އާއި ރަޔަޓް ކޮންޓްރޯލް ޔުނިޓުތައް ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ވައިގެ މަގުން ޖަލު ސަރަހައްދު މޮނިޓަރކުރުމަށް ޑްރޯންއާއި ހެލިކޮޕްޓަރު ބޭނުންކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްރީލަންކާގެ ޖަސްޓިސް މިނިސްޓަރު ހަރްޝަނާ ނަނަޔައްކާރާ ވިދާޅުވި ގޮތުގައި، މި ހާދިސާ ތަހުގީގުކުރުމަށް މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވައިލައިފައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށްޓަކައި ބައެއް ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.