ޖަލަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ މިއަދު އެ އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް އެއް ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ކެބިނެޓުން ވަނީ ފާސްކޮށްފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭ ގޮތް ހެދުމަށްވެސް ކެބިނެޓުންވަނީ ފާސްކޮށްފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.