ޖަލުތަކުގައި ތިބޭ ގައިދީން އަނބުރާ މުޖުތަމައަށް ނުކުންނައިރު، އެއީ އެހެން ބައެއްގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް ވުމުގެ ބަދަލުގައި އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް ހިންގާ ބަޔަކަށް ހެދުން މުހިންމުކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ގުޅިގެން ބިނާކުރި އެ ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ގައިދީންނާއި އޮފިސަރުން ގުޅިގެން ކޮށްފައިވާ އެ މަސައްކަތުން އެ ފަރާތްތަކުގެ ފަންނުވެރިކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ. ގައިދީންގެ އެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، މަޝްރޫއޫތައް މެނޭޖްކުރުމާއި، ފައިސާ ބެލެހެއްޓުން ފަދަ ވިޔަފާރީގެ އުކުޅުތައް ދަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ބޭފުޅުންގެ އަމިއްލަ ފަންނުން ލީޑުކުރާ ކޮންޓްރެކްޓް ގްރޫޕްތައް ފެންނަން. މަސައްކަތުގެ ހުނަރުގެ އިތުރުން، ޕްރޮޖެކްޓް މެނޭޖްކުރުމާއި ފައިސާ ބެލެހެއްޓުން ފަދަ ކަންކަން ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގަންޖެހޭ" އިހުސާން ވިދާޅުވިއެވެ.

އަލަށް އިފުތިތާހުކުރި އެ އޮފީސް އިމާރާތަކީ ކުރިން ބޭނުންކުރި 400 އަކަފޫޓުގެ ކުޑަ ޖާގައިގެ ބަދަލުގައި، މީޓިން ރޫމާއި ކްލާސްރޫމް ހިމެނޭހެން ތަރައްގީކޮށްފައިވާ ޒަމާނީ އިމާރާތެކެވެ.

މީގެ އިތުރުން، ޖަލުގެ ކެއިންބުއިމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި އާ ބަދިގެ އިމާރާތެއްގެ ބިންގާވެސް މިނިސްޓަރު ވަނީ އަޅުވައިދެއްވައިފައެވެ.