ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ އުތުރު ފަރާތުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިދިޔަ މާޗު މަހުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ނިންމާލާފައެވެ.

އެމްޓީސީސީއިން މިއަދު ބުނީ، މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ނިމުމަކަށް އައުމާއެކު، މުޅި މަޝްރޫއު ނިމުމާ ވަރަށް ބޮޑަށް ގާތްވާނެއެވެ.

ފުރަތަމަ ފިޔަވަހީގެ ސަބް-ބޭސް މަސައްކަތާއި އެގްރިގޭޓް ބޭސް ކޯސްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިކަމަށް އެމްޓީސީސީން ބުންޏެވެ. މިއީ މަގު ހެދުމުގެ މަޝްރޫއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން، މަޝްރޫއުގެ ސެގްމެންޓު ހަތަރަކާއި ފަހެއްގެ މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައިކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ބީއެމްއެލްގެ މައި އިމާރާތް ކުރިމަތީ އޮންނަ ފަޅުން ބައެއް ހިއްކައިގެން ބޮޑު ޕާކިން ޒޯނެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި އެ ޕާކިން ޒޯނުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ސެގްމެންޓު ދެޔަކާއި ތިނެއްގެ ދުވާރު ހެދުމާއި ކޭބަލް ޓްރެންޗުގެ މަސައްކަތްތައްވެސް މިހާރު ދަނީ ހިނގަމުންނެވެ.