ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ބެލިސްޓިކް މިސައިލް ހަމަލާތައް، ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ސައުދީއަށް މި ހަމަލާތައް ދޭން ފަށާފައިވަނީ ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. ހޫތީން ބުނަމުންދަނީ މިއީ އެ ޖަމާއަތުގެ ކޮންޓްރޯލް އޮންނަ އެއާޕޯޓަކަށް ދިން ވައިގެ ހަމަލާތަކަށް ސައުދީން އެހީތެރިވެފައިވާތީ، އޭގެ ރައްދުގައި ދޭ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކާއެކު، ސަރަހައްދީ ސުލްހައަށްޓަކައި އެކުލަވާލާފައި އޮތް ހަތަރު އަހަރުވީ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ސައުދީގެ އިސްތިގުލާލާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުމަށާއި، މަޝްވަރާގެ މަގުން ސުލްހަ ގާއިމުކުރުމަށް ގޮވާލާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.