މިފަހަރުގެ ވޯލްޑް ކަޕަށް ދިޔަ ސެނެގާލް ޓީމުގެ ޑޮކްޓަރަކީ ކުޅުންތެރިންގެ އަނިޔާތަކަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރެެއް ނޫން ކަމަށާއި، އެކަން އެނގުނީ ގެންދެވުނު ފަހުން ކަމަށް ފެޑަރޭޝަންގެ ރައީސް އަބްދޫލިއާ ފަލް ވިދާޅުވެއްޖެއެވެ.
ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ރަނގަޅު ވާދައެއް ކުރުމަށެވެ. އެންމެފަހުން ކުޅުނު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޑްރާމާ ބޮޑު ފައިނަލުގައި ވެސް ސެނެގާލާއި މޮރޮކޯ ވާދަކޮށްފައިވާ އިރު، އެ މެޗުގެ މެދުތެރެއިން ސެނެގާލް ވަނީ ދަނޑުން ފައިބައިފައެވެ. އެއީ މޮރޮކޯ ކޮޅަށް ނިންމުންތަކެއް ނިންމި ކަމަށް ބުނެއެވެ.
އެ ހިސާބުން މެޗު މެދުކެނޑުނީ އޭރުގެ ކޯޗު ޕަޕް ޗައު ކުޅުންތެރިން ދަނޑުން ބޭލުމުންނެވެ. އެހެން އެކަން ހިނގުމުން ސެނެގާލްގެ ކުޅުންތެރިން އަލުން ދަނޑަށް އަނބުރާ އެރުވީ ސަޑިއޯ މާނޭއެވެ. އެމެޗު ކުޅެ ސެނެގާލް މޮޅުވި ނަމަވެސް، ފަހުން ކާފްއިން ނިންމީ މޮރޮކޯއަކީ ޗެމްޕިއަން ކަމަށެވެ. އެކަމުގެ ބަހުސް އަދިވެސް ދަނީ ހިނގަމުންނެވެ.
އެ ޕްރެޝަރުގައި ވޯލްޑް ކަޕަށް ނުކުތް އިރު، އެޓީމަށް އޮތީ އުންމީދު މަތިކޮށެވެ. އެހެން ނަމަވެސް ގަދަ 32 އިން ކެޓި އިރު، ގްރޫޕް ސްޓޭޖުވެސް ދިޔައީ އުނދަގޫކޮށެވެ.
އެގޮތުން ފުރަތަމަ މެޗުގައި ފްރާންސް ކައިރިން 3-1 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި ނޯވޭ ކައިރިންވެސް ވީ ބައްޔެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ. ސެނެގާލް އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 32 އަށް ދިޔައީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިރާގް ކައިރިން 5-0 އިން މޮޅުވެގެންނެވެ.
ސެނެގާލުން ކޯޗު ޗައު މަގާމުން ވަކިކޮށްފައިވާ އިރު، ފުޓުބޯޅައިގެ އެތެރޭގެ ހާލަތު އޮތީ ގޯސްކޮށެވެ. ބައެއް ކުޅުންތެރިންނާއި ފެޑަރޭޝަނާ ދޭތެރޭވެސް ހިތްހަމަނުޖެހުންތަކެއް ހުރި އިރު، ޓީމުގެ ބައެއް ކަންކަމަށް ފެޑަރޭޝަނުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
"އަހަންނަށް ލިބުނު މައުލޫމާތުން ޓީމް ޑޮކްޓަރަކަށް ކުޅުންތެރިންގެ އަނިޔާތަކާ ގުޅޭ ގޮތުން އެއްވެސް އެހީއެއް ނުވެވުނު. އަހަރެމެން ޖެހުނު އެހެން ތަޖުރިބާކާރުންގެ އެހީ ހޯދަންވެސް. ބެލި ބެލުމުގައި އޭނާއަކީ އަންހެނުންނަށް ހާއްސަ ޑޮކްޓަރެއް. އެއީ ބޮޑު ލަދެއް،" ސެނެގާލް ފެޑަރޭޝަން ރައީސް ފަލް ވިދާޅުވިއެވެ.
ފަލްގެ އެ ވާހަކަތަކަށް ސެނެގާލްގެ އެސޯސިއޭޝަން އޮފް ސްޕޯޓްސް މެޑިސިންއިން ވަނީ ރައްދު ދީފައެވެ. އެ އެސޯސިއޭޝަނުން ބުނީ ރައީސް ފަލް ދެއްކީ ލަދުގަންނަން ޖެހޭ ކަހަލަ، އަދަބު އިހުތިރާމު ކުޑަ ވާހަކަތަކެއް ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ ސެނެގާލް ޓޯމް ޑޮކްޓަރު އަބްދުރެހްމާން ފެޑިއޯރޭއަކީ ސްޕޯޓްސް މެޑިސިން އެންޑް ސްޕޯޓްސް ބައިލޮޖީން ޑިޕްލޮމާ އޮންނަ ޑޮކްޓަރެއް ކަމަށެވެ. އަދި އޭނާ ކިޔަވާފައި ވަނީ ޝެއިހް އަންޓާ ޑިއޮޕް ޔުނިވާސިޓީން ކަމަށާއި، އޭނާއަކީ ކުރިން ފާން ހޮސްޕިޓަލްގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޑް ހެޑް ކަމަށްވެސް ސޯސިއޭޝަން އޮފް ސްޕޯޓްސް މެޑިސިން އިން ބުންޏެވެ. އަދި އެއީ 2017 ވަނަ އަހަރުން ފެށިގެން ސެނެގާލް ޓީމުގެ ޑޮކްޓަރު ކަމަށްވެސް އެސޯސިއޭޝަނުން ބުންޏެވެ.
އެގޮތުން ފެޑިއޯރޭ ވަނީ ގައުމީ ޓީމާއެޖު ތިން ވޯލްޑް ކަޕެއްގައި މަސައްކަތް ކުރުމުގެ އިތުރުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފަސް މުބާރާތެއްގައި މަސައްކަތް ކޮށްފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް