ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިސާބުތަކެއް ޖައްސަވާނެ ކަމަށާއި އެހެންކަމުން އެ މަނިކުފާނު އަލުން ޖަލަށްލުމުގެ ވިސްނުންފުޅު ރައީސް މުއިއްޒު ނުގެންގުޅުއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކި އެ ޕާޓީގެ ސަޕޯޓަރަކު ބުނީ ރައީސް މުއިއްޒުއާ ވާދަކުރައްވަން ޔާމީން ނުކުންނަވާފާނެކަމުގެ ބިރުވެރިކަމުގައި ސަރުކާރުން އެ މަނިކުފާނު ޖަލަށްލާން އުޅޭ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޔާމީން ވިދާޅުވީ އެ މަނިކުފާނު މީގެ ކުރިން ޖަލުގައި ބަންދުކޮށްގެން ގެންގުޅުއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. ސޯލިހު އެގޮތަށް އަމަލުކުރެއްވީ، ޔާމީން ޖަލުގައި ބާއްވައިގެން ނޫނީ ދެވަނަ ދައުރެއް ކާމިޔާބު ނުކުރެވޭނެ ކަމަށް އެ މަނިކުފާނުގެ "ކާހިނުން" ލަފާދިނުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރާނަން މުއިއްޒު އަނިޔާވެރިވިޔަސް، މުއިއްޒު އެވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް،" ޔާމީން ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒުގެ ވިސްނުންފުޅު ހުރެދާނެ ކަމަކަށް އަޅުގަނޑު ޖަލުގައި ގެންގުޅުމަކަށް،"
ޕީޕީއެމްގެ ތެރޭގައި އެ މަނިކުފާނާ މެދު ހިތްހަމަނުޖެހޭ ބަޔަކު ތިއްބަސް، އެ މަނިކުފާނު ޖަލަށްލައިގެން ސިޔާސީ ގޮތުން ކަންކަން ދެކޮޅު ނުޖެއްސޭނެކަން ރައީސް މުއިއްޒަށާއި އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް