ފޯޗޫން އިންޑިއާއިން ހޮވި 2026 ވަނަ އަހަރުގެ ވިޔަފާރީގެ ދާއިރާގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގެ އެއްވަނަ، ރިލަޔަންސް ފައުންޑޭޝަންގެ ބާނީ އަދި ޗެއާޕާސަން ނީތާ އަމްބާނީއަށް ލިބިވަޑައިގެންފިއެވެ.

ފޯޗޫން އިންޑިއާއިން ބުނި ގޮތުގައި، ނީތާ އަމްބާނީއަށް މި މަގާމު ދީފައިވަނީ އިންސާނިއްޔަތަށް އެހީތެރިވުމާއި، މުއައްސަސާތައް ބިނާކުރުމުގެ އިތުރުން މުޖުތަމައުގެ ތަރައްގީއަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ރިލަޔަންސް އިންޑަސްޓްރީޒް ލިމިޓެޑުން ހާމަކޮށްފައިވާ ގޮތުގައި، ނީތާގެ ލީޑަޝިޕްގެ ދަށުން ރިލަޔަންސް ފައުންޑޭޝަނުން ވަނީ އިންޑިއާގެ 100 މިލިއަނަށްވުރެ ގިނަ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައެވެ. މީގެ ތެރޭގައި 29 މިލިއަން ކުޑަކުދިން ހިމެނޭކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ކާމިޔާބީއާ ގުޅިގެން ނީތާ އަމްބާނީ ވިދާޅުވި ގޮތުގައި، “ހަގީގީ ބާރަކީ އެހެން މީހުން ބާރުވެރިކުރުވުން” ކަމަށެވެ. އަދި ދެމިގެންވާ ކާމިޔާބީ މިންކުރަންވާނީ އަމިއްލަ ކުރިއެރުމަށްވުރެ ބޮޑަށް، އެހެން މީހުންގެ ދިރިއުޅުމަށް ގެނެސްދެވޭ ހެޔޮ ބަދަލުތަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެވޯޑުގެ އިތުރުން، ދާދި ފަހުން އެމެރިކާގައި ވެސް ނީތާ އަމްބާނީއަށް ވަނީ ޝަރަފުވެރި އެވޯޑުތަކެއް ލިބިވަޑައިގެންފައެވެ. އެގޮތުން، މި މަހުގެ ކުރީކޮޅު އެމެރިކަން އެސޯސިއޭޝަން އޮފް ފިޒީޝަންސް އޮފް އިންޑިއަން އޮރިޖިން (އޭއޭޕީއައި) އިން ދޭ ހިއުމެނިޓޭރިއަން އެވޯޑު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ފްލޮރިޑާގެ ޓެމްޕާ ސިޓީން ދޭ އެންމެ މަތީ އެއް ޝަރަފު ކަމަށްވާ “ކީ ޓު ދަ ސިޓީ އޮފް ޓެމްޕާ” ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، ޓައިމް މެގަޒިންގެ 2025 ވަނަ އަހަރުގެ ފިލަންތްރޮޕީ ލިސްޓުގައި ވެސް ނީތާ އަމްބާނީގެ ނަން ހިމަނާފައިވެއެވެ.

ސިއްހީ ދާއިރާއާއި، ތައުލީމާއި، ކުޅިވަރުގެ އިތުރުން ސަގާފަތް ކުރިއެރުވުމަށް ރިލަޔަންސް ފައުންޑޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.