ހުސްވިހަފުތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތުރުކީވިލާތުގެ ވެރިރަށް އަންކާރާއަށް ދިޔައެވެ. އެތަނުގައި ބޭއްވުނު ނޭޓޯގެ ގައުމުތަކުގެ ވެރިންގެ ސަމިޓުގައި ބައިވެރިވުމަށެވެ. އަންކާރާއަކީ އީރާނުގެ އިމާ ނުހަނު ގާތުގައިވާ ސިޓީއެކެވެ. އީރާނުގެ ބޯޑަރުން ފެށިގެން އަންކާރާއާ ދޭތެރޭގައި އެެއްހާސް ކިލޯމީޓަރުވެސް ނުހުރެއެވެ. އެހައިވެސް ކައިރިއެވެ. އަންކާރާގައި ޓްރަމްޕު ހޭދަކުރި ދެދުވަހަކީ އީރާނުގެ ޝަހީދުކޮށްލެވުނު ލީޑަރު ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަންވެސް ކުރިއަށްދިޔަ ވަގުތެވެ. ނުވަތަ ދުވަސްވަރެވެ. އެ ޖަނާޒާގައި އީރާނުގެ ކަންކޮޅުތަކުން ތިރީހަކަށް މިލިޔަން މީހުން ބައިވެރިވިއެވެ. އެއީ ދުނިޔޭގެ ތާރީޚުގައިވެސް މީގެކުރިން ބޭއްވިފައިނުވާ ކަހަލަ ރިކޯޑު ޖަނާޒާއެކެވެ. މިއީ ރައީސް ޓްރަމްޕަށް ހަޖަމު ކުރެވުނު ކަމަކަށެއް ނުވިއެވެ. ދެން ފެނިގެންދިޔައީ އެޒާތުގެ މީހެއްގެ ހިތުތެރޭގައި ހަސަދައިގެ އަލިފާން އަނދަން ފެށީމާ ވާނެ ހުރިހައި ކަމެކެވެ. އެކަންކަމަށް ބަލައިލަމާބަހީއެވެ.

އެންމެ ފުރަތަމަ ކުރިކަމަކީ ހަގުރާމަ ހުއްޓައިލުމުގެ ފަހުމުނާމާ އުވައިލުމެވެ. ދެން އީރާނާ ދެކޮޅަށް އަލުން ހަމަލާތައް ފެށުމެވެ. މިކަންކަން ކުރީ ކޮންމެވެސް ބަހަނާއެއް ދައްކައިފައެވެ. ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓުތަކަކަށް އީރާނުން ހަމަލަދިނީޔޯލައެވެ. އެކަމަކު އީރާނުން އެއްބަސްވި ކަމެއްވެސް ނޫނެވެ. ގިނަބަޔަކު ބުރަވަނީ ބަހަނާއެއް ދައްކަންވެގެން އެމެރިކާޔާއި އިޒްރޭލު ގުޅިގެން ހިންގި ކަމެއްކަމަށެވެ. ޓްރަމްޕު އެންމެ ބޮޑަށް ރުޅިއައި ސަބަބުކަމަަށް ބެލެވެނީ ސައްޔިދު ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވި މީހުން ގެންގުޅުނު ބިޔަ ބެނަރއެކެވެ. އޭގައި ލިޔެފައިއޮތެވެ. އަހަރެމެން ބަދަލު ހިފާނަމެވެ. ޓްރަމްޕު މަރައިލާނަމެވެ. ދެން އޭނާއަށް ހަޖަމު ނުކުރެވުނު އަނެއް ކަމަކީ ސައްޔިދު ޚާމަނާއީގެ ފުރާނައިގެ ބަދަލު ގިނަދުވަސްތަކެއްނުވެ ހިފާނޭ ކަމަށް އީރާނުގެ އައު ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވި ވިދާޅުވުމެވެ. ދެން އިވުނީ ޓްރަމްޕު މަރާލަން އީރާނުން ރާވާފައިވާ އައު ރޭވުމެއް އިޒްރޭލުން ފަޅާއަރުވާލައި އެ މައުލޫމާތު ޓްރަމްޕަށް ދިން ވާހަކައެވެ.

މި މައުލޫމާތު ދިނުމާއެކު ޓްރަމްޕު ތުރުކީވިލާތުން އަވަސްއަވަހަށް ފުރައިގެން ދިޔައީ އީރާނަށް އައު އިންޒާރެއް ދީފައެވެ. ބުންޏެވެ. އީރާނުން އޭނާ މަރާލަން ރާވައިފިއެވެ. އޭނާ ދަތުރުކުރާ ބޯޓު ވައްޓާލައިގެންނެވެ. އެހެން ހަދައިފިއްޔާ ދެން ކަންތައް ކުރަންވާ ގޮތުގެ އިރުޝާދު އެމެރިކާގެ ކޮމާންޑަރުންނަށް ދީފީމެވެ. އީރާނު ވުޖޫދުންވެސް ފުހެލަން އަންގައިފީމެވެ. ދެން މިޒާތަކުންގޮސް ލައްކަ ގިނަ ވާހަކަ ދެއްކިއެވެ. މިވާހަކަތަކަށްފަހު ދެން އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުން ފެށީ އީރާނު ކުށްވެރި ކުރުމާއި އީރާނުގެ ނުރައްކާތެރިކަން ބުނެދިނުމުގެ ވާހަކަތައް ދެއްކުމަށެވެ. ބުނަން ފެށިއެވެ. އިތުބާރުކުރަން ހެޔޮވާނެ ދައުލަތެެއް ނޫނެވެ. މިހާރު ދިމާކޮށްގެން އެއުޅެނީ އެމެރިކާގެ ރައީސް މަރާލުމަށެވެ. އެމެރިކާޔާއި ހުޅަގުން އަނެއްކާވެސް މިޒާތަކުން އީރާނާ ދިމާކޮށްލިއިރު އީރާނުގެ ވެރިން ދުނިޔެއިން ވަކިކުރަނީ ކޮންބައެއްކަން ހަނދާނެއް ނެތެވެ. ސައްޔިދު ޚާމަނާއީ ޝަހީދުކޮށްލީ ކޮންބައެއްކަންވެސް ހަނދާނެއް ނެތެވެ.

ބަދަލު ހިފުމަކީ އީރާނަށް ލިބިގެންވާ ހައްގެއްކަމާއި އެއީ ކުރަންޖެހޭނެ ކަމެއްކަންވެސް އެމީހުން ހަނދާނެއް ނެތެވެ. ތިރީގައި ކުރުގޮތަކަށް އަލިއަޅުވައިލާނީ ފާއިތުވި 47 އަހަރުގެ ތެރޭގައި އެމެރިކާއިން ހަމަލަދީ ޝަހީދުކޮށްލާފައިވާ އީރާނުގެ އެކި ލީޑަރުންނަށެވެ. އެމެރިކާ ކުރީމާ ހުއްދަ އެކަމަކު އެހެންބަޔަކު ކުރަން ދިމާކުރީމާ ގޯސްވާ ކަންކަމަށެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މުހައްމަދު އަލީ ރަޖާއީއަކީ އެމެރިކާގެ ބައިވެރިވުމާއެކު ޝަހީދުކޮށްލެވުނު ބޭފުޅެކެވެ. އީރާނުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ބޮމެއް ގޮއްވާލައިގެން އޭނާ ޝަހީދުކޮށްލީ 30 އޮގަސްޓް 1981 ގައެވެ. މިކަން ކުރުމުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ބޭނުންކުރީ އީރާނުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ އެޖެންޓުންނެވެ. ބޮމާއި، ބޮންފޮރުވައިގެން ގެންގުޅުނު ބްރީފްކޭސް ތައްޔާރުކޮށް އެތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުދީ މިކަމުގައި ބައިވެރިވި އެންމެނަށް ފައިސާދިނީވެސް އެމެރިކާއިންނެވެ.

އޭރު އެމެރިކާގެ ރައީސްކަމުގައި ހުރީ ރޮނަލްޑް ރޭގަންއެވެ. އެއީ އޭނާގެ ވެރިކަމުގެ ފުރަތަމަ އަހަރެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް އިބްރާހިމް ރައީސީއަކީވެސް އެމެރިކާއިން ޝަހީދުކޮށްލި ބޭފުޅެކެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި 19 މެއި 2024 ގައި އަވަހާރަވީ ކަމަށް ރަސްމީގޮތުން ކިޔައިއުޅުނަސް އޭނާގެ ރިޔާސީ ހެލިކޮޕްޓަރު ވެެއްޓުނީއެއް ނޫނެވެ. ހެލިކޮޕްޓަރު ވައްޓައިލީއެވެ. އީރާނުގެ އުތުރުގެ ސަރަހައްދެއްގެ މަތިން އުދުހެނިކޮށް އޭގެ މުވާސަލާތީ ވަސީލަތްތަކާއި ނިޔަމިކަމުގެ ނިޒާމު ގަޑުބަޑުކޮށްލައިގެން ވައްޓައިލީއެވެ. މިހާދިސާގައި ރައީސާއެކު އީރާނުގެ ޚާރިޖީވަޒީރު ހުސައިން އާމިރުވެސް އަވަހާރަވިއެވެ. މިދެންނެވި ހެލިކޮޕްޓަރަކީ އެމެރިކާގެ އުފެއްދުމެކެވެ. މިހާދިސާ ރާވައި ހިންގުމުގެ ފަހަތުގައި އޮތީވެސް އެމެރިކާގެ ސީއައިއޭއެވެ. އެމެރިކާގެ ރައީސްކަމުގައި އޭރު ހުރި މީހަކީ ޖޯ ބައިޑެންއެވެ. އެއީ އޭނާގެ ވެރިކަމުގެ އެންމެފަހު އަހަރެވެ.

އީރާނުގެ އިންގިލާބީ ގާޑުންގެ ޑިވިޝަނެއް ކަމުގައިވާ ގުދުސް ފޯހުގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީއަކީވެސް އެމެރިކާއިން ޝަހީދުކޮށްލި ބޭފުޅެކެވެ. އިރާގުގެ ވެރިރަށް ބަޣުދާދުގެ މަގެއްގައި އޭނާގެ މޮޓަރުކޭޑަށް 3 ޖެނުއަރީ 2020 ގައި ޑްރޯން ބޭނުންކޮށްގެން ހަމަލަދީގެންނެވެ. މިކަން ރާވައި ހިންގީ އެމެރިކާގެ ރައީސްގެ އަމުރަށް ހަމަސީދާ އެމެރިކާގެ އަސްކަރިއްޔާއިންނެވެ. މިކަންކުރުމަށް އޯޑަރުނެރެ ހުއްދަދިނީ ޑޮނަލްޑް ޓްރަމްޕެވެ. އެއީ ޓްރަމްޕުގެ ރިޔާސީ ފުރަތަމަ ދައުރު ނިމުމުގެ ދެހަފުތާ ކުރިއެވެ. ޖެނެރަލް ގާސިމް ސުލައިމާނީ ޝަހީދުކޮށްލި ދުވަހަކީ ކޮންމެ އަހަރަކުވެސް އީރާނުގެ ޖުމްހޫރީ ގާޑުން އޭނާގެ ޒިކުރާ އައުކުރާ ދުވަހެކެވެ. އޭނާގެ މަރުގެ ބަދަލު ހިފާނޭކަމުގެ އިންޒާރުވެސް އައުކުރެވޭ ދުވަހެކެވެ. ދެންއޮތީ އީރާނުގެ ރޫހީ ލީޑަރު ސައްޔިދު އަލީ ޚާމަނާއީ ޝަހީދުކޮށްލުމުގެ ހާދިސާއެވެ. މި ހާދިސާ ހިންގީ މިއަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކަންކުރީ އެމެރިކާޔާއި އިޒްރޭލު ގުޅިގެންނެވެ. ޚާމަނާއީއަށް އެމެރިކާއިން ފާރަލަމުންދާތާ އޭރު އެތައް ދުވަހެއް ވެއްޖެއެވެ. އީރާނުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ ޖާސޫސުންގެ ފަރާތުން ޚާމަނާއީ އޭނާގެ އާއިލާޔާއެކު އޭނާގެ ރަސްމީ ގޭގައި ހުންނެވިކަން ކަށަވަރުވި ވަގުތަކީ ވޮޝިންޓަނުގައި ހުރެފައި ރައީސް ޓްރަމްޕު އޭނާގެ ފްލޮރިޑާ ރިސޯޓަށް ވައިގެމަގުން ދަތުރުކުރި ވަގުތެވެ. ޚާމަނާއީއަށް ހަމަލަދިނުމުގެ ހުއްދަ ޓްރަމްޕު ދިނީ އެދަތުރުމަތީގައި މަތިންދާބޯޓުގައި އިނދެގެންނެވެ. ފެބްރުއަރީ 28 ވަނަ ދުވަހުގެ ހަގުރާމަ ފެށުމުގެ ފުރަތަމަ ހަރަކާތަކީ ނުވަތަ ފުރަތަމަ ޝޮޓަކީ އެއީއެވެ. ކޮންމެއަކަސް އެ ޝޮޓުން ޝަހީދުވީ ހަމައެކަނި ޚާމަނާއީއެއް ނޫނެވެ. ތުއްތު ކުދިންވެސް ހިމެނޭހެން އެއާއިލާގެ އިތުރު ހަތަރު މެންބަރަކުވެސް ޝަހީދުވިއެވެ. މިކަން ކުރުމުގެ އޯޑަރު ޓްރަމްޕު ދިނީ އޭނާގެ މަތިންދާބޯޓުގައި އިނދެގެންނެވެ. މިހާރު އެކިޔަނީ ތިމަންނާގެ ބޯޓު ވައްޓާލައި ތިމަންނާ ދުނިޔެއިން ވަކިކޮށްލަން އީރާނުން ރޭވި ވާހަކައެވެ. އީރާނުގެ އަނިޔާވެރިކަމުގެ ވާހަކައެވެ.