ދުނިޔޭގެ ގަދަ ހަތަރު ބާރުން ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެ ވަރުގަދަ ދެ ސެމީ ފައިނަލަށް ތައްޔާރުވެއްޖެއެވެ. ޖުމުލަ 48 ޓީމާއެކު ފެށި ވޯލްޑް ކަޕްގައި ބާކީ އޮތީ ހަތަރު ޓީމެވެ. އެއީ މި ވަގުތު ފުޓުބޯޅައިގެ ރަސްކަމުގައި އޮތް ހަތަރު ގައުމެއެވެ. މިއީ ފީފާ ރޭންކިންގެ ގަދަ ހަތަރެއް ވޯލްޑް ކަޕްގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ބެލުންތެރިންނަށް ލިބުނު އިތުރު ޝައުގުވެރިކަމެކެވެ. ނަތީޖާ ނުކުންނާނެ ގޮތެއް އަންދާޒާ ކުރަންވެސް އުނދަގޫ ސެމީ ދެމެޗަށް މިފަހަރުގެ މެޗުތައް ވާނެއެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި އަތް ނުލެވޭ ޓީމެއްވެސް ސެމީގައެއް ނެތެވެ. ހަތަރު ޓީމަކީވެސް ރަން ބެޖު ޖެހި ހަތަރު ޓީމެވެ.
އާޖެންޓީނާއިން މީގެ ކުރިން ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވެއެވެ. އެއީ 1978، 1986 އަދި އެންމެފަހުން 2022 ވަނަ އަހަރުއެވެ. އެހެންކަމުން އެޓީމަކީ ޑިފެންޑިން ޗެމްޕިއަނެވެ. ފްރާންސުން 1998 ވަނަ އަހަރާއި 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދާފައިވާ އިރު، ސްޕެއިން ތަށި ހޯދީ 2010 ވަނަ އަހަރުއެވެ. އެންމެ ދިގު އިންތިޒާރެއްގައި އޮތް ޓީމަކީ އިންގްލެންޑެވެ. އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ހޯދިފަހުން އަދި މުބާރާތް ހޯދައިފައެއް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ.
ސެމީއާ ހަމައަށް ކުރި ދަތުރުގައި ކޮންމެ ޓީމަކުންވެސް ހަ މެޗު ކުޅެފިއެވެ. އޭގެ ތެރެއިން އެންމެ ގިނަ ވަގުތު ކުޅެން ޖެހިފައި ވަނީ އާޖެންޓީނާއަށެވެ. އާޖެންޓީނާ ވަނީ ސްޕެއިނާއި ފްރާންސަށްވުރެ އެއް ގަޑިއިރު އިތުރަށް ކުޅެފައެވެ. އަދި އިންގްލެންޑަށްވުރެ ބައިގަޑިއިރު އިތުރަށް އާޖެންޓީނާއަށް ކުޅެން ޖެހިފައިވެއެވެ. އެއީ ނޮކްއައުޓް ތިން މެޗުގެ ތެރެއިން ދެމެޗު އިތުރު ވަގުތަށް ދިޔުމުންނެވެ. ސްޕެއިނާއި ފްރާންސްގެ މެޗެއް އިތުރު ވަގުތަށް ގޮސްފައި ނުވާ އިރު، އިންގްލެންޑުން ނޯވޭ ކައިރިން މޮޅުވީ އިތުރު ވަގުތަށް ގޮސްގެންނެވެ.
ފްރާންސްގެ އެޓޭކް ތަފާތު ވަރުގަދަ
ތަފާސްހިސާބުތަކަށް ބަލާ އިރު، ސެމީގައި އޮތް ހަތަރު ޓީމުގެ ތެރެއިން އެންމެ ގިނައިން ގޯލް ޖަހާފައި އޮތީ އާޖެންޓީނާއެވެ. އެއީ ޖުމުލަ 17 ގޯލެވެ. އެހެން ނަމަވެސް ދެން ހުރި އަދަދުތަކަށް ބަލާއިރު ފްރާންސަކީ އެޓޭކްގައި އެންމެ ކުޅަދާނަ ޓީމެވެ.
އާޖެންޓީނާގެ އެހެން ކަމެއް އަދި ފާހަގަވެއެވެ. ލިބުނު ފުރުސަތުތަކުގެ ތެރެއިން 18 ޕަސެންޓް ފުރުސަތު އެޓީމުން ކާމިޔާބުކުރި އިރު، ސްޕެއިނާއި ފްރާންސްވެސް ޝޮޓް ނެގި އަދަދު އެއްވަރެވެ. އެއީ 110 ޝޮޓެވެ. އެހެން ނަމަވެސް ސްޕެއިނަށް ޖެހުނީ 11 ގޯލެވެ. ފްރާންސް ވަނީ 16 ގޯލް ޖަހައިފައެވެ.
ޝޮޓާއި އެޓޭކިން ނަމްބަރުތަކަށް ބަލާއިރު، އެންމެ ކްރިއޭޓިވިޓީ ދަށްކޮށް ފެންނަނީ އިންގްލެންޑެވެ. އެހެންނަމަވެސް އެވްރެޖް މެޗަކަށް ދެ ގޯލްގެ ނިސްބަތުން އެ ޓީމުން ވެސް ގޯލް ޖެހިއެވެ. އެއީ ހެރީ ކޭންއާއި ޖޫޑް ބެލިންހަމްގެ ތަފާތު މޮޅު ފޯމުންނެވެ.
ފްރާންސުން މެޗަކަށް 2.7 ގޯލްގެ ނިސްބަތުން ގޯލް ޖަހާފައިވާ އިރު، އެޓީމުން ވަނީ މެޗެއްގައި އެވްރެޖް 18.3 ޝޮޓް ހަދައިފައެވެ. އޭގެ ތެރެއިން 15 ޕަސެންޓް ހަމަލާ ކާމިޔާބުކުރި އިރު، ފްރާންސްގެ އެކްސްޕެކްޓެޑް ގޯލް ރޭޝިއޯއަކީ 2.4 އެވެ. އެއީ ހަތަރު ޓީމުގެ ތެރެއިން އެންމެ ނުރައްކާ ޓީމެވެ.
އިންގްލެންޑުގެ ޝޮޓް އެވަރެޖަކީ 14.8 އެކެވެ. އެކްޕެކްޓެޑް ގޯލް ރޭޝިއޯއަކީ 1.7 އެކެވެ. އެއީ އެންމެ އެޓޭކިން ދަށް ޓީމެވެ.
ޑިފެންސް ވަރުގަދައީ ސްޕެއިން
ސްޕެއިނަކީ މިހާތަނަށް ވޯލްޑް ކަޕްގައި ފެނިގެންދާ އެންމެ ޑިފެންސް ވަރުގަދަ ޓީމެވެ. އެޓޭކިން ފުޓުބޯޅައެއް ކުޅޭކަމަށް ނަން މަޝްހޫރު ސްޕެއިނުން މިފަހަރު ގެނެސްދިން އެންމެ ބޮޑު އެއް ހައިރާން ކަމަކީވެސް އެޓީމުގެ ޑިފެންސެވެ. ސްޕެއިނުން ކުއާޓާ ފައިނަލާ ހަމައަށް ދިޔައީ ބައިކޮޅަށް ގޯލެއް ނުވައްދައެވެ. އެޓީމު ކޮޅަށް މި ވޯލްޑް ކަޕްގައި ވަން ފުރަތަމަ ގޯލަކީ ބެލްޖިއަމުން ޖެހި ގޯލެވެ.
އެހެން ނަމަވެސް ފްރާންސްވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ. ފްރާންސް ކޮޅަށްވެސް އަދި ވަނީ އެންމެ ދެ ގޯލެވެ. އަދި ފްރާންސްގެ އެޓޭކިން ފޯމާއި ސްޕެއިންގެ ޑިފެންސިވް ފޯމުގެ ވާދަވެރިކަމަކީ ސެމީގެ މެޗަށް ހާއްސަ ވާނެ ތަފާސްހިސާބެކެވެ.
ފްރާންސާއި ސްޕެއިން މެޗަކީ ގޯލް މަދު މެޗަކަށް ވާނެކަމަށް އަންދާޒާ ކުރެވޭ އިރު، އާޖެންޓީނާ އިންގްލެންޑް މެޗުގައި ދެކޮޅަށްވެސް ގޯލް ގިނައިން ވަނުމުގެ ފުރުސަތު އެބައޮތެވެ. ދެޓީމުގެ ގޯލަށްވެސް ހަ މެޗުން ހަ ގޯލް ވަދެފައިވާ އިރު، ހަތަރު ޓީމުގެ ތެރެއިން އެންމެ ބާރުބޮޑުކޮށް ފެނުނީ އިންގްލެންޑް ޑިފެންސަށެވެ. އެހެން ނަމަވެސް އިދިކޮޅު ޓީމުން ތަނަވަސްކުރި ފުރުސަތާ ބަލައި، އެންމެ ބަލި ޑިފެންސަކީ އާޖެންޓީނާގެ ޑިފެންސެވެ.
އެންމެ ބުރަކޮށް މަސައްކަތް ކުރީ ކޮން ޓީމެއް؟
މެޗެއްގެ ނަތީޖާ އެންމެ ބޮޑަށް ބަރޯސާވާ އެއް ތަފާސް ހިސާބަކީ ޓީމެއްގެ ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތެވެ. ފަހުގެ ޓެކްނޮލޮޖީއާއެކު ކުޅުންތެރިން ދަނޑުމަތީގައި ދުވާ ދުވުންވެސް މިހާރު ދެނެގަނެވެއެވެ. ސެމީއަށް ދިޔަ ހަތަރު ޓީމުގެ ތެރެއިން އެންމެ ގިނައިން ދުވެ، އެ ތަފާސްހިސާބު އެންމެ މަތި ޓީމަކީ އާޖެންޓީނާއެވެ. އެއީ 706.5 ކިލޯ މީޓަރެވެ. އެހެން ނަމަވެސް އެންމެ މަސައްކަތު ރޭޓް ރަނގަޅު ޓީމަކީ އެއީއެއް ނޫނެވެ. އާޖެންޓީނާގެ އެ ރޭޓް މަތިވެފައި ވަނީ އަނެއް ތިން ޓީމަށްވުރެ ގިނައިން އެޓީމުން މެޗުތަކުގައި ކުޅެން ޖެހިފައި ވުމުންނެވެ.
ކުޅުމުގެ ވަގުތަށް ބަލާއިރު، އާޖެންޓީނާއަކީ މަސައްކަތު ރޭޓް އެންމެ ދަށް ޓީމެވެ. އާޖެންޓީނާއަކީ ހަތަރު ޓީމުގެ ތެރެއިން އެންމެ ސްޕްރިންޓް މަދުން ޖެހިވެސް ޓީމެވެ. އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އާޖެންޓީނާއަކީ އެންމެ ދަށްކޮށް ޕްރެސްކުރި ޓީމުވެސް މެއެވެ. އެހެން ހުރިހާ ޓީމަކުންވެސް އާޖެންޓީނާއަށްވުރެ އަވަސްކޮށް ބޯޅަ ރިކަވާކޮށްފައިވެއެވެ.
ދަނޑުމަތީގެ މަސައްކަތު ރޭޓަށް ބަލާއިރު އެންމެ މަސައްކަތު ރޭޓް ރަނގަޅު ޓީމަކީ ސްޕެއިނެވެ. އެއީ ޕްރެސް ކުރުމާއި ސްޕްރިންޓާއި ހުރިހާ ކަމަކަށްވެސް ބަލައިގެންނެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު، ލުއިސް ޑެ ލަ ފުއެންޓޭގެ ސްޕެއިނަކީ އެންމެ ގިނަ ވަގުތު ބޯޅަ ގެންގުޅުނުވެސް ޓީމެވެ. އެއީ ކުޅުނު މެޗުތަކުގެ 66 ޕަސެންޓް ވަގުތަގައެވެ. އެއީ ހަމައެކަނި ސެމީއަށް ދިޔަ ހަތަރު ޓީމާ އަޅައި ކިޔައިގެން ނޫނެވެ. މިހާތަނަށް ވޯލްޑް ކަޕްގެ ހުރިހާ ޓީމުތަކަށް ބަލާއިރުވެސް އެ ރެކޯޑު އޮތީ ސްޕެއިން އަތުގައެވެ. އަދި ޕާސްތައް ކާމިޔާބުކުރި ނިސްބަތަށް ބަލާއިރު، ސްޕެއިނާއި އާޖެންޓީނާ އޮތީ 90.4 ޕަސެންޓްގައި އެއްވަރުވެފައެވެ. އެހެންކަމުން އެ ދެޓީމަކީ ޕާސްތައް އެންމެ ކާމިޔާބު ދެޓީމެވެ.
އިންގްލެންޑަށް އާޖެންޓީނާއަށް ސަމާލުވާން ޖެހޭ އެއް ކަމަކީ އެއީއެވެ. ހާއްސަކޮށް ލިއޮނަލް މެސީގެ ޕާސިން އެކިއުރަސީ މަތިވުމުން އެ ޕާސްތައް ހުއްޓުވުން މުހިއްމުވާނެއެވެ. މެސީއަކީ ފައިނަލް ތާޑުގައި ގޯލް ޖެހުމުގެ ފުރުސަތު ތަނަވަސްކުރި ރޭޓަށް ބަލާ އިރު އެއްވަނައެވެ. އޭނާ ވަނީ 15 ބޮޑު ޗާންސެއް އުފައްދަން ޕާސްކޮށްފައެވެ.
އަނެއްކޮޅުން އާޖެންޓީނާއަށް ވިސްނަން ޖެހޭ އިތުރު ކަމެއް އެބައޮތެވެ. ތޯމަސް ޓުޗެލްގެ އިންގްލެންޑަކީ ސެމީއަށް ދިޔަ ހަތަރު ޓީމުގެ ތެރެއިން ހުރަސް ނެގުމުގައި އެންމެ ކާމިޔާބު ޓީމެވެ. އިންގްލެންޑުން މިހާތަނަށް ނެގި ހުރަސްތަކުގެ ތަފާސްހިސާބަށް ބަލާ އިރު، ކޮންމެ ހަތަރު ހުރަހަކުން އެއް ހުރަހެއް އެޓީމުގެ ކުޅުންތެރިޔަކަށް ލިބިފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންގްލެންޑަކީ ބޮލުން ޖެހުމުގައި އެންމެ ނުރައްކާ ޓީމެވެ. ޖުމުލަ 24 ހަމަލާއެއް އިންގްލެންޑް ކުޅުންތެރިން ބޮލުން އުފައްދާފައިވެއެވެ. އެޓީމުން ވަނީ ހަތަރު ގޯލެއް ބޮލުން ކާމިޔާބުވެސް ކޮށްފައެވެ.
އިންގްލެންޑާއި އާޖެންޓީނާގެ ކުރިމަތިލުމުގައި އާޖެންޓީނާއަށް އިންގްލެންޑްގެ ހުރަސްތައް ނުރައްކާވާނެ އަނެއް ސަބަބަކީ އާޖެންޓީނާއަކީ އޭރިއާ ތެރޭގައި ބޮލުން ޑިފެންސް ކުރުމުގެ އެންމެ ދަށް ރޭޓުގައި އޮތް ޓީމަށް ވާތީއެވެ. އަދި އިންގްލެންޑަކީ 50-50 ހާލަތްތަކުގައި އެންމެ ގިނައިން ބޯޅަ ހޯދާފައިވާ ޓީމެވެ.
ދެން އޮތީ ކޮށްޓުމާއި ނެއްޓުމުގެ ހުނަރެވެ. އެކަން އެންމެ ފުރިހަމައީ ފްރާންސްގައެވެ. އާޖެންޓީނާގެ މެސީއަކީ މި ވޯލްޑް ކަޕްގައި ތިންވަނައަށް ނެއްޓުމުގެ ރޭޓް އެންމެ ރަނގަޅު ކުޅުންތެރިޔާ ނަމަވެސް، އާޖެންޓީނާގެ އެވްރެޖަކީ މެޗަކަށް 12.6 އެކެވެ. އެއީ އެކަމަށް އެންމެ ކާމިޔާބު ޓީމު ފްރާންސްގެ މެޗަކަށް 23.2 ނެއްޓުމުގެ ރޭޓާ ބަލާފައި ތަފާތު ދަށް އަދަދެކެވެެ.
ފްރާންސްގެ އެޓޭކް އާދަޔާހިލާފު މޮޅަށް ފެނިގެންދާ އިރު، އެޓީމުގެ އެޓޭކަކީ އެންމެ ނެއްޓުން ގިނަ ޓީމެވެ. އެހެން ނަމަވެސް ކޮއްޓައި ނެެއްޓުން އެންމެ ކާމިޔާބީ އާޖެންޓީނާއެވެ. އެއީ އެޓެމްޕް ކުރި އަދަދުގެ 52 ޕަސެންޓް ކާމިޔާބު ކޮށްގެންނެވެ.
ނަންބަރަކީ ޒަމާނީ ފުޓުބޯޅައިގައި މުހިއްމު އެއްޗެކެވެ. ޓީމުތަކުގެ ކާމިޔާބީގެ ފަހަތުގައި ޑާޓާގެ ބޮޑު ރޯލެއް އޮތް އިރު، ނަންބަރުތަކުން ފެންނަ މަންޒަރު މި ސާފުކޮށްލެވުނީއެވެ. ހަނދާނުގައި ބަހައްޓަން ޖެހޭ އިތުރު ކަމެއް އެބައޮތެވެ. ވޯލްޑް ކަޕެއްގެ ފައިނަލުގައި ނަންބަރަކީ ހުރިހާ އެއްޗެއް ނޫނެވެ. ފުޓުބޯޅައިގައި މި ކިޔާ "ޕެޝަން" އަދި ޖަޒުބާތާއި ފޯރި، ރޫހު މި ކަންކަން އިތުރުވެ، ނަންބަރުތަކުން ބުނެދޭ އެއްޗަކާ ނަތީޖާ ދިމާ ނުވެދާނެއެވެ.
މުޙައްމަދު ޝަމްޢޫން





ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް