މިއަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނު އެއް ގައުމު އުރުގުއާއީން އެގައުމުގެ އާ ކޯޗަކަށް ޑިއޭގޯ ފޯލާން ހަމަޖައްސައިފިއެވެ.
ވަގުތީ ގޮތުން ފޯލާން ގައުމީ ޓީމާ ހަވާލުވެފައި ވަނީ ވޯލްޑް ކަޕަށްފަހު އޭރު ހުރި ތަޖުރިބާކާރު ކޯޗު، މާސެލޯ ބިއެލްސާ މަގާމު ދޫކޮށްލާފައިވުމާއެކުގައެވެ. އުމުރުން 47 އަހަރުގެ ފޯލާންއަކީ އެގައުމުގެ ގައުމީ ޓީމުގެ ލެޖެންޑަރީ ފޯވަޑެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕްގައި އުރުގުއާއީއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކައި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ފޯލާން މުބާރާތުގައި ފަސް ގޯލް ޖެހި އިރު، އުރުގުއާއީ ވަނީ އެފަހަރު ސެމީ ފައިނަލުގައި ކުޅެފައެވެ.
ފޯލާންއާ ހަވާލުވެފައި ވަނީ ގައުމީ ޓީމު އަލުން އެކުލަވާލައި، ފޯމު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށްވާ އިރު، އެކަން ވެގެންދާނީ ޗެލެންޖިން މަސައްކަތަކަށެވެ. އުރުގުއާއީން ބޮޑެތި އުންމީދުތަކަކާއެކު މިފަހަރުގެ ވޯލްޑް ކަޕަށް ނުކުމެފައިވާ އިރު، އެޓީމުން ނިންމާލީ ގްރޫޕް ސްޓޭޖުން ކަޓައިގެންނެވެ. އެއީ ސްޕެއިން، ކޭޕް ވާޑް އަދި ސައުދީ އަރަބިއްޔާވެސް ބަލި ނުކުރެވިގެންނެވެ. އެ ގްރޫޕުން އުރުގުއާއީއަށް ޕޮއިންޓް ލިބުނީ ސައުދީއާއި އަލަށް ވާދަކުރި ކޭޕް ވާޑް އަތުން އެއްވަރުވެގެން އެކަންޏެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ވިލަރެއާލްގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއި އިންޓަނާޝިއޮނަލްއަށްވެސް ކުޅުނު ފޯލާން މިފަހަރު ހަވާލުވީ އުރުގުއާއީގެ 20 އަހަރުން ދަށުގެ ޓީމާވެސް އެކުގައެވެ.
ފޯލާންއަށް މީގެ ކުރިން ކޯޗުކަމުގައި މާބޮޑު ތަޖުރިބާއެއް ލިބިފައެއް ނުވެއެވެ. އޭނާ ވަނީ ޕެނަރޯލާއި ސީއޭ އެތެނަސްއަށް ކުޑަ ދުވަސްކޮޅަކަށް ކޯޗުކަން ކޮށްދީފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް