ފީފާ ވޯލްޑް ކަޕަކީ ކުޅުންތެރިންގެ ނަން ވިދާލައި، ގައުމުތަކަށް ފަހުރުވެރިކަން ގެނެސްދޭ މުބާރާތެކެވެ. ނަމަވެސް މިއީ ޓީމުތަކުގެ ބަލިކަށިކަން އެންމެ ބޮޑަށް ހާމަކޮށްދޭ އެއް މުބާރާތް ވެސް މެއެވެ. އުތުރު އެމެރިކާގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ޓީމުތަކެއް ނުކުތީ ބޮޑެތި އުންމީދުތަކަކާ އެކުގައެވެ.

މޮޅެތި ކޯޗުންނާއި، އަގުބޮޑު ސްކޮޑުތަކާއެކު ނުކުތް ނަމަވެސް، ބައެއް ޓީމުތައް ވަނީ ހީނުކުރާހާ އަވަހަށް މުބާރާތުން ކަޓައިފައެވެ. މިއީ ހަމައެކަނި ބަލިވުމެއް ނޫނެވެ. މިއީ ފުޓުބޯޅައިގެ ބޮޑެތި ބާރުތަކަށް ކުރިމަތިވި ތާރީހީ ލަދުވެތިކަމެކެވެ. މީގެ އިތުރުން، ރެފްރީންގެ ނިންމުންތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުން، މުބާރާތުގެ އަސްލު ފޯރިއަށްވުރެ ބޮޑަށް އެހެން ކަންކަމުގެ ވާހަކަ ވަނީ ގިނަވެފައެވެ.

ޔޫރަޕުގެ ބޮޑެތި ބާރުތަކަށް ކުރިމަތިވި ސިހުން

ޖަރުމަނު މުބާރާތުގެ ގަދަ 32 އިން ކެޓުމަކީ މިފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އެންމެ ބޮޑު އެއް ސިހުމެވެ. ހަތަރު ފަހަރު ދުނިޔޭގެ ތަށި އުފުލާލައިފައިވާ ޖަރުމަނު ކެޓީ ޕެރަގުއާއީއާ ވާދަކޮށް 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވުމުންނެވެ. ޖަރުމަނުގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވެފައި ތަޖުރިބާ ހުރި ނަމަވެސް، މުހިންމު ވަގުތުގައި އެކަމުގެ ބޭނުމެއް ނުހިފުނެވެ. ކުރީން ޖަރުމަނަކީ މުބާރާތްތަކުގައި ވަރުގަދަ، އަދި މުބާރާތް ކުރިއަށްދާ ވަރަކަށް ކުޅުން ރަނގަޅުކުރާ ޓީމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެކެވެ. ނަމަވެސް ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުގެ އެޓޭކިންގައި ތޫނުފިލިކަމެއް ނެތްކަން ފާހަގަކުރެވުނެވެ.

ވޯލްޑް ކަޕް 2026 ގަދަ 32 ގައި ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޖަރުމަންގެ ކުޅުންތެރިން -- ފޮޓޯ/ ގެޓީ

ހަމައެފަދައިން، ނެދަލޭންޑްސްއަށް ވެސް ކުރިމަތިވީ މިފަދަ ހިތްދަތި ނަތީޖާއެކެވެ. ގަދަ 32 ގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީގައި ކުރި ހޯދީ މޮރޮކޯއިންނެވެ. ނެދަލޭންޑްސްގެ ސްކޮޑުގައި ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް، ނޮކްއައުޓް މަރުހަލާގައި ބޭނުންވާ ނަތީޖާ ނެރުމުގެ ގާބިލުކަން އެ ޓީމުގެ ކިބައިގައި ނެތްކަން ހާމަވިއެވެ. މޮރޮކޯގެ މޮޅަކީ ނަސީބުން ލިބުނު މޮޅެއް ނޫނެވެ. އެ ޓީމުން ވަނީ ރަނގަޅު ރޭވުމެއްގެ ދަށުން ކުޅެފައެވެ. ނަމަވެސް ތަށި ހޯދުމުގެ އުންމީދުގައި ނުކުތް ނެދަލޭންޑްސްއަށް މިއީ ބޮޑު ނާކާމިޔާބީއެކެވެ.

ބްރެޒިލްގެ މާޔޫސްކަމާއި ޕޯޗުގަލްގެ ރަން ޖީލުގެ ނިމުން

މުބާރާތުގައި ކުޅިވަރުގެ ގޮތުން އެންމެ ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހުނީ ބްރެޒިލްއަށެވެ. ގަދަ 32 ގައި ޖަޕާނު އަތުން 2-1 އިން މޮޅުވި ނަމަވެސް، ގަދަ 16 ގައި ނޯވޭ އަތުން 2-1 އިން ބަލިވެ، ފަސް ތަރީގެ ޗެމްޕިއަނުން ވަނީ ކަޓައިފައެވެ. ބްރެޒިލްގެ އެޓޭކިންގައި މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް، މެދުތެރެ ކޮންޓްރޯލް ކުރުމުގައި ނޯވޭ އޮތީ މާ ކުރީގައެވެ. ބްރެޒިލަށް މިއީ ހަމައެކަނި ނަސީބު ދެރަވުމެއް ނޫނެވެ. ބްރެޒިލަށް އަދިވެސް އެޓޭކިން ހުނަރުތަކަށް އެހީތެރިވެދޭނެ ރަނގަޅު ޓެކްޓިކަލް އޮނިގަނޑެއް ނުހޯދެއެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ސްޕެއިނާ ދެކޮޅަށް ކުޅެ، ބަލިވި މެޗަށްފަހު ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މާޔޫސްވެފައި --- ފޮޓޯ/ ގެޓީ

އަނެއްކޮޅުން، މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ޕޯޗުގަލް ވެސް ވަނީ ގަދަ 16 ގައި ސްޕެއިން އަތުން 1-0 އިން ބަލިވެފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭ މި މުބާރާތުގައި، ޕޯޗުގަލްގެ ތަރީންނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ސްޕެއިން ފަދަ ވަރުގަދަ ޓީމެއް އަތުން ބަލިވުމަކީ އާންމުގޮތެއްގައި ލަދުވެތިކަމެއް ނޫން ނަމަވެސް، ޕޯޗުގަލްގެ ސްކޮޑުގައި ތިބި ޔޫރަޕުގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނަށް ބަލާއިރު މިއީ ބޮޑު ނާކާމިޔާބީއެކެވެ. މިއީ ލިބުނު ރަނުގެ ފުރުސަތެއް ނަގާލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ބްރެޒިލާއި ޖަރުމަނު ފަދަ ޓީމުތަކަށް ކުރިމަތިވި ނާކާމިޔާބީގައި ކޯޗުންގެ ޒިންމާވެސް ބޮޑެވެ. މެޗުގެ އޮއިވަރު ބަދަލުވަމުންދާ ވަގުތު، އެކަމަށް ހައްލެއް ހޯދުމުގައި ކޯޗުން ވަނީ ނުކުޅެދިފައެވެ. މިއީ މުބާރާތުގެ ފޭވަރިޓުންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އަމިއްލަ ގައުމުގައި އެމެރިކާއަށް ނާކާމިޔާބުވުން

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން ގަދަ 32 ގައި ބޮސްނިއާ އަތުން 2-0 އިން މޮޅުވި ނަމަވެސް، ގަދަ 16 ގައި ބެލްޖިއަމް އަތުން 4-1 އިން ބަލިވުމަކީ އެ ގައުމަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އަމިއްލަ ގައުމުގައި ކުޅުމުގެ ފައިދާއާއި ސަޕޯޓަރުންގެ ތަރުހީބު އޮތް ނަމަވެސް، ބެލްޖިއަމުން ވަނީ ދުނިޔޭގެ ފެންވަރުގެ ޓީމަކާއި އެމެރިކާއާ ދެމެދު ހުރި ފަރަގު ދައްކާލައިފައެވެ. 4-1 ގެ ނަތީޖާއިން ބަލިވުމަކީ އެމެރިކާގެ ފުޓުބޯޅައަށް ކުރިއެރުން ގެނައުމަށް ކުރި އުންމީދުތަކަށް އެޅުނު ހުރަހެކެވެ.

މީގެ އިތުރުން، ފާއިތުވި ދެ ވޯލްޑް ކަޕްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކްރޮއޭޝިއާ ވަނީ ގަދަ 32 ގައި ޕޯޗުގަލް އަތުން 2-1 އިން ބަލިވެފައެވެ. 2018 ވަނަ އަހަރުގެ ފައިނަލް ކުޅެ، 2022 ގައި ތިންވަނަ ހޯދި ކްރޮއޭޝިއާގެ ރަން ޖީލުގެ ކުޅުންތެރިންގެ އުމުރުން ދުވަސްވުމުގެ އަސަރު މި މުބާރާތުގައި ފެނިގެންދިޔައެވެ. މިއާއެކު، ކްރޮއޭޝިއާގެ ކާމިޔާބު ޖީލެއްގެ ނިމުން އައިސްފައިވާކަން ވަނީ ޔަގީންވެފައެވެ.

ވޯލްޑް ކަޕް 2026 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ކުޅުންތެރިން -- ފޮޓޯ/ ގެޓީ

އާ ފޯމެޓުގެ މަޅިއާއި ޓެކްނޮލޮޖީގެ މައްސަލަތައް

މިފަހަރުގެ މުބާރާތުގައި 48 ޓީމު ވާދަކުރި އިރު، އަލަށް ތައާރަފުކުރި ގަދަ 32 ގެ މަރުހަލާ ވެގެންދިޔައީ ބޮޑެތި ޓީމުތަކަށް ކުރިމަތިވި މަޅިއަކަށެވެ. ކުރިން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުން ގަދަ 16 އިން ޖާގަ ލިބުނު ނަމަވެސް، މި ފޯމެޓުގެ ސަބަބުން ޖަރުމަނާއި ނެދަލޭންޑްސް ފަދަ ޓީމުތަކަށް ކުރިން ނުދެކޭ ފަދަ ލަދުވެތިކަމަކާ ކުރިމަތިލާން ޖެހުނެވެ. މުބާރާތުގެ ތެރޭގައި ޝާއިއުކުރި ދިރާސާތަކުން ދައްކާ ގޮތުގައި، ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު 8 ޓީމު ނޮކްއައުޓް މަރުހަލާއަށް ހޮވާ ނިޒާމުގެ ސަބަބުން މުބާރާތުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދެއެވެ.

މީގެ އިތުރުން، ވީއޭއާރްގެ މައްސަލަތައް ވަނީ ފުޓުބޯޅައަށްވުރެ ބޮޑަށް މުބާރާތުގެ ސަމާލުކަން ހޯދައިފައެވެ. ގްރޫޕް ސްޓޭޖުގައި އީރާނުން ޖެހި ގޯލެއް ކެންސަލްކުރުމާއި، ގާނާއަށް ޕެނަލްޓީއެއް ނުދިނުން ފަދަ މައްސަލަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުދިކުދި ކަންކަން ބަލަން ފެށުމުން، ފުޓުބޯޅައިގެ އަސްލު ފޯރި ގެއްލި، ނިންމުންތަކުގެ އެއްގޮތްކަމެއް ނެތްކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ވީއޭއާރް އަކީ ރެފްރީންނަށް އެހީތެރިވާ ވަސީލަތެއްގެ ބަދަލުގައި، މުބާރާތުގެ އެންމެ ބޮޑު މައްސަލައަށް ވަނީ ވެފައެވެ.

އާޖެންޓީނާގެ މެޗުތަކާއި ރެފްރީންގެ ނިންމުންތަކާ މެދު އުފެދުނު ޝައްކު

މުބާރާތުގެ އެންމެ ބޮޑު ރެފްރީންގެ މައްސަލައެއް ފެންމަތިވީ ގަދަ 16 ގައި އާޖެންޓީނާއާއި މިސްރު ބައްދަލުކުރި މެޗުގައެވެ. އާޖެންޓީނާ 3-2 އިން މޮޅުވި މި މެޗުގައި، މިސްރުގެ މުސްތަފާ ޒީކޯ ޖެހި ގޯލެއް ވީއޭއާރް މެދުވެރިކޮށް ވަނީ ކެންސަލްކޮށްފައެވެ. އަދި މުހައްމަދު ސަލާހަށް ކުރި ފައުލަކަށް ޕެނަލްޓީ ނުދިނުމުން، މިސްރުގެ ކޯޗު ހުސާމް ހަސަން ބުނި ގޮތުގައި، އާޖެންޓީނާއާއި ލިއޮނެލް މެސީ މުބާރާތުގައި ބޭތިއްބުމަށް ނުފޫޒުގަދަ ފަރާތްތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ. މިސްރުން ވަނީ މި މައްސަލައިގައި ފީފާއަށް ރަސްމީކޮށް ޝަކުވާ ވެސް ހުށަހަޅައިފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފީފާގެ ރެފްރީންގެ ވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވިދާޅުވީ، އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއް ކަމަށާއި، ހެއްކެއް ނެތި ކުރާ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނަށް ނުރައްކާ ކުރިމަތިވާ ކަމަށެވެ. އާޖެންޓީނާއިން ކޭޕް ވާޑް އަތުން 3-2 އިން އަދި ސްވިޒަލޭންޑް އަތުން 3-1 އިން މޮޅުވީ އިތުރު ވަގުތު ކުޅެގެންނެވެ. މި ނަތީޖާތަކާއެކު އާޖެންޓީނާގެ ޑިފެންސްގެ ބަލިކަށިކަން ފާހަގަކުރެވުނު ނަމަވެސް، ރެފްރީންގެ ނިންމުންތަކާ މެދު އުފެދިފައިވާ ޝައްކުތަކުގެ ސަބަބުން މުބާރާތުގެ އިތުބާރަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަަށް ކުޅުނު މެޗުގައި މިސްރު ކެޕްޓަން މުހައްމަދު ސަލާހް، ރެފްރީ ފްރާންސުވާ ލެޓެކްސިއޭއަށް ޕެނަލްޓީއަށް އެޕީލް ކުރަނީ -- ފޮޓޯ/ ގެޓީ

ނާކާމިޔާބީގެ ހިތްދަތިކަން

ވޯލްޑް ކަޕް 2026 އަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި މުބާރާތެކެވެ. ޖަރުމަނާއި ބްރެޒިލް ފަދަ ބޮޑެތި ބާރުތައް ކަޓައި، ޕޯޗުގަލްގެ ރަން ޖީލަށް ހުސްއަތާ އެނބުރި ގައުމަށް ދާން ޖެހުމަކީ ފުޓުބޯޅައިގެ ހިތްދަތިކަން ދައްކައިދިން ކަމެކެވެ. އެމެރިކާއަށް އަމިއްލަ ގައުމުގައި އެކަށީގެންވާ ކާމިޔާބީއެއް ނުހޯދުނު އިރު، ވީއޭއާރްގެ މައްސަލަތަކާއި ރެފްރީންނަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން މުބާރާތުގެ ފޯރިއަށް ވަނީ ހުރަސްއެޅިފައެވެ.

ކާމިޔާބު ހޯދާ ޓީމުތަކަށް ތާރީހުން ޖާގަ ލިބޭ އިރު، ނާކާމިޔާބުވާ ޓީމުތަކަށް ކުރިމަތިވަނީ އެތައް ޖީލަކަށް ދެމިގެންދާނެ ލަދުވެތިކަމެކެވެ. އެތައް އަހަރެއްގެ ތައްޔާރީތަކާއި، މިލިއަނުން އަގުހުރި ސްކޮޑުތައް ގޮވައިގެން ނުކުތް ނަމަވެސް، އެންމެ ގޯސް ނިންމުމަކުން ނުވަތަ ޓެކްޓިކަލް މައްސަލައަކުން މުޅި އުންމީދު ފެނަށް ދިއުމަކީ މި މުބާރާތުގެ ހަގީގަތެވެ.