މިދިޔަ ހޮނިހިރު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން ހުޅުމާލޭގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގެ މައްސަލައިގައި، އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ރޭގެ ވަގުތެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން 23 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި 24 އަހަރުގެ އިތުރު ފިރިހެނަކުވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަނީ، ބަޔަކު މީހުން ސްކޫލްގެ ތެރެއަށް ވަދެގަނެ، އެތަނުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނަށް ހަމަލާދޭ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ އެތަނުގައި ތިބި ދެ ގްރޫޕެއް މެދުގައި ހިނގި ހަމަނުޖެހުމެކެވެ.

އެ ހަމަނުޖެހުމުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދީފައިވާއިރު، އެ ސަރަހައްދުގައި ތިބި ފުލުހުންނަށް މަސްލަހަތު ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިވެ، ހަމަނުޖެހުން ގިނަ އިރުތަކަކަށް ދެމިގެން ދިޔައެވެ.