ސެނެގާލްގެ ކޯޗުކަމުގައި ހުރި ޕަޕް ޗައު، އެމަގާމުން ވަކިކޮށްފައިވާ ކަމަށް ސެނެގާލް ފުޓުބޯޅަ އިދާރާއިން ބުނެފިއެވެ.

ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ރަނގަޅު ވާދައެއް ކުރުމަށެވެ. އެންމެފަހުން ކުޅުނު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޑްރާމާ ބޮޑު ފައިނަލުގައި ވެސް ސެނެގާލާއި މޮރޮކޯ ވާދަކޮށްފައިވާ އިރު، އެ މެޗުގެ މެދުތެރެއިން ސެނެގާލް ވަނީ ދަނޑުން ފައިބައިފައެވެ. އެއީ މޮރޮކޯ ކޮޅަށް ނިންމުންތަކެއް ނިންމި ކަމަށް ބުނެއެވެ.

އެ ހިސާބުން މެޗު މެދުކެނޑުނީ ކޯޗު ޗައު ކުޅުންތެރިން ދަނޑުން ބޭލުމުންނެވެ. އެހެން އެކަން ހިނގުމުން ސެނެގާލްގެ ކުޅުންތެރިން އަލުން ދަނޑަށް އަނބުރާ އެރުވީ ސަޑިއޯ މާނޭއެވެ. އެމެޗު ކުޅެ ސެނެގާލް މޮޅުވި ނަމަވެސް، ފަހުން ކާފްއިން ނިންމީ މޮރޮކޯއަކީ ޗެމްޕިއަން ކަމަށެވެ. އެކަމުގެ ބަހުސް އަދިވެސް ދަނީ ހިނގަމުންނެވެ.

އުމުރުން 45 އަހަރުގެ ޗައު، އެ ޕްރެޝަރުގައި ވޯލްޑް ކަޕަށް ނުކުތް އިރު، އެޓީމަށް އޮތީ އުންމީދު މަތިކޮށެވެ. އެހެން ނަމަވެސް ގަދަ 32 އިން ކެޓީ އިރު، ގްރޫޕް ސްޓޭޖުވެސް ދިޔައީ އުނދަގޫކޮށެވެ.

އެގޮތުން ފުރަތަމަ މެޗުގައި ފްރާންސް ކައިރިން 3-1 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި ނޯވޭ ކައިރިންވެސް ވީ ބައްޔެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ. ސެނެގާލް އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 32 އަށް ދިޔައީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އިރާގް ކައިރިން 5-0 އިން މޮޅުވެގެންނެވެ.

ޗައުއަށް އެފްކޯންގެ ފަސް މެޗުގެ ސަސްޕެންޝަނެއް އައިސްފައިވާ އިރު، ދެން އެފްކޯން އޮތީ 2027 ވަނަ އަހަރުއެވެ.

ހަބަރުތައް ބުނެފައި ވަނީ ފްރާންސްގެ ކުރީގެ ތަރި، ޕެޓްރިކް ވިއެރާއަކީ ސެނެގާލް ކޯޗުކަމަށް އަންނަން މަސައްކަތް ކުރާ ފަރާތެއް ކަމަށެވެ.