ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބިލިއަނަރެއް ކަމަށްވާ ކަލަފް އަހުމަދު އަލް ހަބްތޫރު، މިސްރުގެ ޓީމަށް އެއްކޮށް ޖުމުލަ 59 ކާރު ހަދިޔާކުރަން ނިންމައިފިއެވެ.

މިސްރުން މިފަހަރު ވޯލްޑް ކަޕްގައި ކުރީ ތާރީހީ ދަތުރެކެވެ. އެގައުމުގެ ތާރީހުގައި ހަތަރު ވަނަ ވޯލްޑް ކަޕަށް މިފަހަރު ނުކުތް އިރު، މި މުބާރާތުގެ ކުރިން މޮޅެއް ހޯދިފައެއް ނުވެއެވެ. އެކަން ބަދަލުކޮށް، މިފަހަރުގެ ގްރޫޕް ސްޓޭޖު މިސްރުން ނިންމާލީ ބައްޔެއް ނުވެއެވެ. އެއީ ވަރުގަދަ ބެލްޖިއަމާއި އިރާން ކައިރިން ވެސް އެއްވަރުކޮށް، ނިއު ޒިލޭންޑް ބަލިކޮށްގެންނެވެ.

އެ ނަތީޖާތަކާ އެކު މިސްރުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ނޮކްއައުޓް ސްޓޭޖަށް ދަތުރު ކޮށްފައިވާ އިރު، އެ ބުރުގައި ފުރަތަމަ މޮޅެއް ހޯދީ އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. ގަދަ 16 ގައި މިސްރުން އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުމެފައިވާ އިރު، އެ މެޗު ވެގެންދިޔައީ ސުވާލުތަކެއް ކުރިމަތި ކުރިވި މެޗަކަށެވެ. މިސްރުން 2-0 އިން ލީޑުގައި އޮއްވައި، އާޖެންޓީނާއިން އެންމެ ފަހުވަގުތު ތިން ގޯލް ޖަހައިގެން މެޗު އަނބުރާލި އިރު، މެޗަށްފަހު މިސްރުގެ ކޯޗު، ހޮސާމް ހަސަން ބުނީ ރެފްރީން ގޯސް ހެދި ކަމަށެވެ.

ޔޫއޭއީގެ ވިޔަފާރިވެރިޔާ ހަބްތޫރު ބުނެފައި ވަނީ މިސްރުން ހޯދި ކާމިޔާބީއަކީ ހަމައެކަނި އެގައުމުގެ ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ އެތައް މިލިއަން އަރަބިންނަކަށް ހާއްސަވި ކާމިޔާބީއެއް ކަމަށެވެ. ހަބްތޫރު ބުނެފައި ވަނީ މިސްރުގެ "ހީރޯ"އިންނަށް ދޭ ހަދިޔާއަކީ ޓީމުން ދެއްކި ޝަރަފުވެރި ކުޅުމަށް ދޭ ހަދިޔާއެއް ކަމަށެވެ.

ހަބްތޫރު ގްރޫޕުން ބުނީ މިސްރު ޓީމުގެ ޑެލިގޭޓްގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކާއި އޮފިޝަލަކަށްވެސް މިޓްސުބިޝީ ބްރޭންޑްގެ ކާރެެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މުޅި ޑެލިގޭޝަނަށް އެއްކޮށް 59 ކާރު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށްވެސް އެ ގްރޫޕުން ބުނެފައިވެއެވެ.

ހަބްތޫރުގެ ވިޔަފާރި ކުންފުނިން ބުނީ ކާރުތައް ދޭން މިސްރުގެ ފުޓުބޯޅަ އިދާރާއާ މަޝްވަރާތައް ކޮށް، މިހާރު ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.

މިސްރު ޓީމުން އެނބުރި ގައުމަށް ދިޔުމާއެކު ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، އެގައުމުގެ ރައީސް ރައީސް އަބްދެލް ފައްތާހް އަލް ސީސީވެސް ޓީމާ ބައްދަލުކުރައްވާފައިވެއެވެ.