ސައިޕްރަސްގެ ދިދަ ނަގައިގެން ދަތުރުކުރަމުންދިޔަ ކާގޯ ބޯޓަކަށް އީރާނުން ހަމަލާދިންކަމަށް ބުނެ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ “އެމްވީ ޖީއެފްއެސް ގެލެކްސީ” ނަމަކަށް ކިޔާ ކޮންޓެއިނަރ ބޯޓަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ހަމަލާދީފައެވެ. މި ހަމަލާގެ ސަބަބުން ބޯޓުގައި އަލިފާން ރޯވެ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ބޯޓުގެ ފަޅުވެރިޔަކު ގެއްލިފައިވާ ކަމަށްވެސް ސެންޓްކޮމްއިން ބުނެފައިވެއެވެ. އަދި ލިބުނު ގެއްލުންތަކާ ގުޅިގެން ބޯޓަށް ދަތުރު ކުރިއަށް ނުގެންދެވޭ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

މިއީ މި ހަފުތާގެ ތެރޭގައި އެމެރިކާއިން އީރާނަށް ދިން ތިންވަނަ ހަމަލާއެވެ. ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށާއި އާންމުންނަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން ކުޑަކުރުމެވެ.

މީގެ އިތުރުން، ވިޔަފާރި ބޯޓުފަހަރަށް މީގެ ކުރިން ދިން ހަމަލާތަކާ ގުޅިގެން އީރާނަށް ފިޔަވަޅު އެޅުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އީރާނަށް އިތުރު ފުރުސަތެއް ދެވުނު ކަމަށާއި، ނަމަވެސް އީރާނުން އެކަމުގައި ނާކާމިޔާބުވެފައިވާ ކަމަށް ސެންޓްކޮމްއިން ބުންޏެވެ. އެހެންކަމުން، މި ހަމަލާތަކަކީ އީރާނުގެ އަމަލުތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ރައީސްގެ ސީދާ އަމުރުފުޅުގެ ދަށުން ކަމަށް ސެންޓްކޮމްއިން ވަނީ ބުނެފައެވެ. އެމެރިކާއިން މި ހަމަލާތައް ދީފައިވާއިރު، އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާކަން އިއުލާނުކޮށްފައެވެ.