ސްރީލަންކާގައި ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ގައުމުގެ ބައެއް ޔުނިވަސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފިއެވެ.

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓް (އެންޑީސީޔޫ) އިން ބުނެފައިވާ ގޮތުގައި، މި އަހަރުގެ މިހާތަނަށް 65،034 މީހުންނަށް ޑެންގީ ޖެހި، 45 މީހުން ވަނީ މަރުވެފައެވެ. ހާއްސަކޮށް ވެރިރަށް ކޮލަމްބޯއާއި ގަމްޕަހާ ޑިސްޓްރިކްޓުގައި ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޔުނިވަސިޓީ އޮފް ކޮލަމްބޯގެ 71 ދަރިވަރަކަށް ޑެންގީ ޖެހިފައިވާއިރު، އޭގެ ތެރެއިން ފަސް ދަރިވަރަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރު އިންޑިކާ ކަރުނަތިލަކަ ވިދާޅުވި ގޮތުގައި، ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަލިވެ އުޅޭ ދަރިވަރުންނަށް އަރާމުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މިއީ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް އެޅި ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ ޔުނިވަސިޓީގެ އާޓްސް، ލޯ، އެޑިއުކޭޝަން އަދި މެނޭޖްމަންޓް ފެކަލްޓީގެ ކިޔެވުން ވަނީ އެއް ހަފުތާގެ މުއްދަތަށް އޮންލައިންކޮށްފައެވެ. ނަމަވެސް ޔުނިވަސިޓީ އެއްކޮށް ބަންދު ނުކުރާ ކަމަށާއި، ހޮސްޓެލްތައްވެސް ހުޅުވާފައި ހުންނާނެ ކަމަށް ވައިސް ޗާންސެލަރު ވިދާޅުވިއެވެ. މީގެ އިތުރުން، ޔުނިވަސިޓީ އޮފް މޮރަޓުވާ އަދި ޔުނިވަސިޓީ އޮފް ދަ ވިޝުއަލް އެންޑް ޕާފޯމިންގ އާޓްސް ފަދަ ތަންތަން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީގޮތުން ބަންދުކޮށްފައެވެ.

އެންޑީސީޔޫގެ އެކްޓިންގ ޑިރެކްޓަރ ޑރ. ކަޕިލަ ކަންނަންގަރަ ވިދާޅުވި ގޮތުގައި، ޖުލައި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި އެކަނިވެސް 9،654 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި އެއް ދުވަހެއްގެ ތެރޭގައި 1،300 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބަލިމީހުން އިތުރުވުމުގެ ސަބަބުން ބޮޑެތި ހޮސްޕިޓަލުތަކަށް ބާރުބޮޑުވެ، ސިއްހީ ނިޒާމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މި ހާލަތާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން އަންނަނީ މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތްތައް ހަލުވިކޮށް، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. މީގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ތަންތަން ބަލައި ފާސްކުރުމާއި، ފޮގްކުރުމުގެ މަސައްކަތްތައް ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު އަންނަނީ ކުރަމުންނެވެ.