ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ގާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫފު ކަމަށެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އައްޝައިހް އިމްތިތާއު އައްބާހާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި ތިން އިދާރާ އާއި ތެލަސީމިއާ ސެންޓަރުގެ އިސްވެރިންގެ އިތުރުން ފުރަން ހަމަޖެހިފައިވާ ކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ހަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ޖަމާކޮށްފައިވާ ކަމަށެވެ.

މި އެހީ ފޯރުކޮށްދިނީ 21 ފެބްރުއަރީ 2024ގައި އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަމަށާއި އޭގެ ކުރިންވެސް 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އިސްލާމިކް މިނިސްޓްރިން ބުންޏެވެ.

މިނިސްޓްރީން ބުނީ ޖުމްލަ ދިހަ ކުއްޖަކު ވަނީ އެޗްއެލްއޭ ޑޯނާ މެޗިން މަރުހަލާ ފުރިހަމަކޮށް، މިއަހަރު ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައި ކަމަށާއި ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ހަމަޖަައްސަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ 2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަންޝަރުތު ހަމަވާ ހުރިހާ ކުދިންނަށް، އެކުދިންގެ ފުރާނަ ސަލާމަތްކޮށްދީ ދިރިއުޅުން ފަސޭހަކޮށްދޭ، މި ފަރުވާ ހޯދައިދިނުމަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީދާ ގޮތުން ހަރަދުކޮށްފައިވާ ކަމަށެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއްކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ.

މި ހާއްސަ ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެއެވެ.