ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ކަރަންޓްގެ ހިދުމަތަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހުރަސްއަޅާ ކަމަށް ހުށަހެޅި މައްސަލަ ސާބިތެއް ނުވިއެވެ.

މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދޭން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެއް ބާރުލުން ނުދީ ހުރަސް އަޅާ ކަމަށް ބުނެ، ފެނަކައިގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

މިދައުވާގައި ސިޓީ ކައުންސިލުން ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް، އެ ގާނޫނުން ލާޒިމު ކޮށްފައިވާ، ލިއުމުން އެއްބަސްވުން ހެދުމަށް ފެނަކައިން ހުރަސް އަޅައި، ކައުންސިލަށް އެއްބާރުލުން ނުދީ، ކައުންސިލްގެ ގާނޫނީ ޒިންމާ އަދާ ކުރަން ފެނައިން ހުރަސް އަޅަމުންދާ ކަމަށެވެ.

މި މައްސަލައިގައި ތިން ކަމަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި އެދިފައިވެއެވެ.

އެއްކަމަކީ ފެނަކަ އަކީ، ލާމަރުކަޒީ ގާނޫނުގެ 2-69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތިންވަނަ ފަރާތެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މާއްދާގައި ބުނަނީ، ކަރަންޓާއި ފެނާއި ފާހާނާ އާއި ނަރުދަމާގެ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ރަށެއްގައި ނުވަތަ ސިޓީއެއްގައި ފޯރުކޮށްދެނީ، ތިންވަނަ ފަރާތަކުން ކަމަށްވާހާލަތުގައި، އެ ތިންވަނަ ފަރާތަކާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށެވެ.

ދެވަނަ ކަމަކަށް އެދިފައިވަނީ، ހަކަތައިގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ފ) އާއި ލާމަރުކަޒީ ގާނޫނުގެ 1-69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ފެނަކައިން ސިޓީ ކައުންސިލަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހަކަތައިގެ ގާނޫނުގެ 10 ވަނަ މާއްދާއަކީ އެ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިފައިވާ ޒިންމާތަކާއި ބާރުތަކުގެ ތެރޭން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަންކަން ކަނޑައަޅާފައިވާ މާއްދާއެވެ.

އެ މާއްދާގެ (ފ) ގައި ބުނަނީ، ކައުންސިލުތަކަށް ހަވާލުވެފައިވާ ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް، އެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެފަރާތަކާ ހަވާލުކޮށް، ކުރިއަށް ގެންދަންވާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 1-69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގައި ވެސް އަންނަނިވި އާންމު ހިދުމަތްތައް، އެ ރަށެއް ނުވަތަ ސިޓީގެ ރައްޔިތުންނަށް، ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.

އެ ހިދުމަތްތަކަކީ:

  1. ކަރަންޓުގެ ހިދުމަތް
  2. ފެނުގެ ހިދުމަތް
  3. ފާހާނާއާއި ނަރުދަމާގެ ހިދުމަތް

ތިންވަނަ ކަމަަކަށް އެދިފައި ވަނީ، ފެނަކަ މެދުވެރިކޮށް ކުޅުދުއްފުށީ ސިޓީއަށް ކަރަންޓް ދިނުމުގެ ބޭނުމަށް ފެނެކަ އާއި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައަށް ރައްދުދީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަ ކޮށްފައިވާ ގާނޫނީ ޝަރަހަތަަކަށް އިންކާރުކޮށް ފެނަކައިން ބުނެފައިވަނީ، ފެނަކައަކީ ލާމަރުކަޒީ ގާނޫނުގެ 2-69 ވަނަ މާއްދާގައި ބުނާ "ތިންވަނަ ފަރާތް" ނޫން ކަމަށެވެ.

އެހެންކަމުން އެއީ ތިންވަނަ ފަރާތް ނޫން ކަމަށާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއް ގާއިމް ކުރަން އަމުރު ކުރަންޖެހޭ ތަނެއް ނެތް ކަމަށާއި އަދި ކައުންސިލާ އެކު އެއްބަސްވުމެއް ގާއިމް ނުކުރުމަކީ، އެ ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ފެނަކައިން ކޯޓުގައި އެދުނެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ، ފެނަކައިން ކުޅުދުއްފުށީ ސިޓީގައި ދޭ ކަރަންޓްގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ކުންފުނި އުފައްދައި، އެ ކުންފުންޏާ ދިވެހި ސަރުކާރުން މަތިކޮށްގެން ދެމުންދާ ހިދުމަތެއް ކަމަށެވެ.

އެހެންކަމުން ލާމަރުކަޒީ ގާނޫނާ ހަވާލާދީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އުފައްދާ ގާނޫނީ ބަހުސަކީ، ފެނަކައިގެ މައްޗަށް ގޮތް ކަނޑައެޅިދާނެ ގާނޫނީ ބަހުސަކަށް ނުވާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފެނަކައިގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ވޯޓުން ހުކުމް ކުރިއެވެ.