އެޕްރީލް 8 ވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ރަސްމީކޮށް ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، އީރާނާއެކު ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ “ޓްރުތް ސޯޝަލް” ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުން އެދިފައިވާތީ އެކަމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާކަން އެއްވެސް އޮޅުމެއް ނެތް ގޮތަށް އީރާނަށް އަންގަވާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި ހަފުތާގެ ކުރީކޮޅު ތުރުކީވިލާތުގެ އަންކާރާގައި އޮތް ނޭޓޯ ސަމިޓުގެ ހަވާސާގައި ވާހަކަދައްކަވަމުން ވެސް ޓްރަމްޕް ވަނީ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރައްވައިފައެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އީރާނުގެ އިސްވެރިންނަކީ “ބަލި” ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަރާތްތަކާއެކު މުއާމަލާތް ކުރުމަކީ ވަގުތު ބޭކާރުކުރުން ކަމަށް ވިދާޅުވެފައެވެ.
މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާއިން އެއްބަސްވި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް ވަނީ އަލުން ފެށިފައެވެ. އެގޮތުން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް އީރާނުން ހަމަލާދީފައިވާ ކަމަށް ބުނެ، އެމެރިކާއިން ވަނީ އީރާނުގެ އަމާޒުތަކަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މީގެ ރައްދުގައި އީރާނުން ވެސް ވަނީ މެދުއިރުމަތީގައި ތިބޭ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.
މި ދަނޑިވަޅުގައި ވެސް އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ މެދުވެރިކޮށް އީރާނާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް