ތުއްތުކުދިންނަށް ދޭ ކިރު ނުވަތަ އިންފަންޓް ފޯމިއުލާގައި ހުންނާން ޖެހޭ ކާނާގެ މާއްދާތަކުގެ މިންގަނޑުތައް އިސްލާހުކުރުމަށް އެކުލަވާލި ގަވާއިދުގެ ހުށަހެޅުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން އިއްޔެ އާންމުކޮށްފިއެވެ.
އެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މި ހުށަހެޅުމުގެ ދަށުން ތުއްތުކުދިންގެ ކިރުގައި ކޮންމެހެން ހުންނާން ޖެހޭ ކަމަށް ކަނޑައަޅާފައިވާ 30 މާއްދާގެ ތެރެއިން 8 މާއްދާއެއްގެ މިންގަނޑުތައް އަދާހަމަކުރުމަށް ނުވަތަ މިހާރު ހުރި ގޮތަށް ދެމެހެއްޓުމަށް ވަނީ ހިމަނައިފައެވެ.
އެ އިދާރާއާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް (އެޗްއެޗްއެސް)އިން ބުނި ގޮތުގައި، އާ ހުށަހެޅުމުގައި ހިމެނެނީ އަޔޮޑިން، މެންގަނީޒް، ވިޓަމިން އޭ އަދި ވިޓަމިން ޑީގެ މިންގަނޑުތައް އަދާހަމަކުރުމަށެވެ. އަދި ކްލޮރައިޑް، ޕޮޓޭސިއަމް، ސެލީނިއަމް އަދި ސޯޑިއަމްގެ މިހާރުގެ މިންގަނޑުތައް އެގޮތުގައި ދެމެހެއްޓުމަށް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ދެ މާއްދާއެއް މިނެކިރާ ޔުނިޓު ބަދަލުކުރުމަށާއި، މިހާރު މަޖުބޫރު ނޫން ނަމަވެސް ކިރުގެ ފައިދާ އިތުރުކުރުމަށް އުފެއްދުންތެރިން އާންމުކޮށް އަޅާ ބައެއް މާއްދާތަކަށް ވަކި މިންގަނޑުތަކެއް ކަނޑައެޅުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށްވެސް އެފްޑީއޭއިން ވަނީ އެދިފައެވެ.
އެޗްއެޗްއެސްއިން ފާހަގަކުރި ގޮތުގައި، މިއީ ފާއިތުވި 30 އަހަރެއްހާ ދުވަހުގެ ތެރޭގައި މި މިންގަނޑުތަކަށް ގެންނަ އެންމެ ބޮޑު ބަދަލެވެ. އެފްޑީއޭއިން ބުނީ މި މުރާޖައާ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަނީ، ކޮންމެ ފިޔަވައްސެއް ނިމުމުން ހެކީގެ މައްޗަށް ބިނާކޮށް އެކުލަވާލާ ހުށަހެޅުންތަކަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ތިން ފިޔަވަހީގެ ހުރިހާ ބަދަލުތަކެއް އެއްކޮށްލައި، ފަހުން އެއް ގަވާއިދެއްގެ ގޮތުގައި ފާސްކުރުމަށް އެ އިދާރާއިން ވަނީ ރާވައިފައެވެ. މި ފުރަތަމަ ހުށަހެޅުމަށް 120 ދުވަހުގެ ތެރޭގައި، އަންނަ އަހަރުގެ ފެބްރުއަރީ 26ގެ ނިޔަލަށް ހިޔާލު ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިންހާ ފާއިޒް ރަޝާދު
ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)
ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)
ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)
ކޮމެންޓް