ޖަޕާނުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ޖާގަ ހޯދުމުގެ ގޮތުން، ގަރުނުތަކެއްވީ ބޮޑެތި ގަސްތައް ކަނޑާލުމުގެ ބަދަލުގައި އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަން ފަށައިފިއެވެ. މަގުތަކާއި ރޭލު ދަގަނޑުތައް އަދި އިމާރާތްތައް ހެދުމަށްޓަކައި ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން މުހިންމު ގަސްތައް ހިމާޔަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
“ނެމަވާޝީ” ގެ ނަމުން ނަންދީފައިވާ މި ސަގާފީ އުކުޅު ބޭނުންކޮށްގެން ގަސްތައް ބަދަލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ގަސްގަހާގެހީގެ ތަޖުރިބާކާރުންނެވެ.
ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަސް އެހެން ތަނަކަށް ބަދަލުކުރުމުގެ ކުރިން އޭގެ މޫތައް ތައްޔާރުކުރުމަށް ހަ މަސްދުވަހާއި އަހަރަކާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އެއްފަހަރާ ހުރިހާ މޫތަކެއް ކަނޑާލުމުގެ ބަދަލުގައި މަޑުމަޑުން މޫތައް ކޮށައި، ފެނާއި މާއްދާތައް ނަގައިދޭ އާ މޫތައް ފެޅުމަށް ފުރުސަތު ދިނުމަކީ އާ މާހައުލެއްގައި ގަސް މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ސައިންޓިފިކް ގޮތުން މުހިންމު ކަމެކެވެ.
މި މަސައްކަތަކީ ހަރަދު ބޮޑު އަދި އުފުލައި ގެންގުޅުމުގައި ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ގަހުގެ މޫތައް ފޮތި ނުވަތަ ގޯނި ފަދަ ތަކެތިން ބަނދެ، ބޮޑެތި ކްރޭންތަކާއި ހައިޑްރޯލިކް މެޝިންތައް ބޭނުންކޮށްގެން ގަސްތައް އުފުލައިގެން ގެންދަނީ ކުރިން ތައްޔާރުކޮށްފައިވާ ވަޅުގަނޑުތަކަށެވެ. ގިނައިން މިގޮތަށް ބަދަލުކުރަނީ ފައްޅިތަކާއި ތާރީހީ ބަގީޗާތަކުގައި ހުންނަ ގަސްތަކެވެ. ޖަޕާނުގެ ސަގާފަތުގައި ގަސްގަހާގެއްސަކީ ދިރޭ ތަރިކައެއްގެ ގޮތުގައި ބަލާއިރު، މިއީ އެ ގައުމުގެ އާދަކާދަތަކާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އާބަން ޕްލޭނަރުން ބުނާ ގޮތުގައި، ގަސްތައް ކަނޑާލުމުގެ ބަދަލުގައި އެހެން ތަންތަނަށް ބަދަލުކުރުމަކީ ތިމާވެއްޓަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. މިގޮތުން، ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށާއި، ސިޓީތަކުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް މިކަމުގެ ސަބަބުން އެހީތެރިވެދޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. މިހާރު ވެސް މި އުކުޅު ބޭނުންކޮށްގެން ޖަޕާނުގެ އެކި ސިޓީތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ގަސްތައް ބަދަލުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން
ކޮމެންޓް