އިނގިރޭސިވިލާތުގެ އާ އެއާލައިން "ގްލޯބަލް އެއާލައިންސް" އިން އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމުގައި ރާއްޖެއަށް އެންމެ އިސްކަންދޭން ނިންމައި، އެއާލައިންގެ ވިޔަފާރީގެ މިސްރާބު ރާއްޖެއަށް އަނބުރާލައިފިއެވެ.

ވިޔަފާރިވެރިޔާ ޖޭމްސް އެސްކުއިތު 2021 ވަނަ އަހަރު އުފެއްދި މި އެއާލައިންގެ އަސްލު އަމާޒަކީ އެމެރިކާގެ މަންޒިލްތަކަށް ދަތުރުކުރުން ކަމަށްވީ ނަމަވެސް، މިހާރު ވަނީ މަތީ ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށް ރާއްޖެއަށް ދަތުރުތައް ފެށުމަށް ޕްލޭން ބަދަލުކޮށްފައެވެ.

"މެޓްރޯ" ނޫހަށް ދެއްވި އިންޓަވިއެއްގައި އެސްކުއިތު ބުނީ، އެއާލައިންގެ އެއާބަސް އޭ380 ބޯޓު މިހާރު ކުރިއަށްދާ ބޮޑު މަރާމާތަށްފަހު، މިއަހަރުގެ ނިޔަލަށް ރާއްޖެއަށް ދަތުރުތައް ފެށޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އެސްކުއިތު ބުނީ އިނގިރޭސިވިލާތުގެ މީހުންގެ މެދުގައި ރާއްޖެއަކީ "ހުވަފެނީ މަންޒިލަކަށް" ވީ ނަމަވެސް، އެ ގައުމުން ރާއްޖެއަށް ސީދާ ދަތުރުކުރާ އެއާލައިންތައް މަދުވުމަކީ އެ ކުންފުނިން ރާއްޖެ އިސްކުރި މައިގަނޑު ސަބަބު ކަމަށެވެ.

އެގޮތުން ލަންޑަނުގެ އިތުރުން މެންޗެސްޓާ އާއި ބާމިންހަމް ފަދަ ސިޓީތަކުންވެސް ރާއްޖެއަށް ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބޯޓު މިހާރު އޮތީ 12 އަހަރުން އެއްފަހަރު ކުރަންޖެހޭ ކޮންމެހެން ކުރަންޖެހޭ މެއިންޓަނަންސް މަސައްކަތެއްގައި ކަމަށެވެ. އަދި ދަތުރުތައް ރަސްމީކޮށް ފެށުމަށްޓަކައި އިނގިރޭސި ސިވިލް އޭވިއޭޝަންގެ ހުއްދަ (އޭއޯސީ) ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ގްލޯބަލް އެއާލައިންސަކީ އޭ380 މަރުކާގެ ބޮޑެތި ބޯޓުތައް ބޭނުންކޮށްގެން ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ އެއާލައިނެކެވެ.