މާލޭގެ ތޮއްޖެހުން ކުޑަކޮށް، މާލެއަކީ ދިރިއުޅެން ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ މަގުސަދުގައި "ވެށިފަހި މާލެ" ޕްރޮގްރާމް އަލުން ފެށުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިކަން ހާމަކުރީ މާލެއާއި ވިލިމާލޭގެ ތަރައްގީއަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އާންމުކުރުމަށް ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ. މި ޕްލޭން ބަހާލާފައިވާ މައިގަނޑު ހަތް ދާއިރާގެ ތެރެއިން، "އެންމެން ހިއްސާވާ ފެހި އަދި ފަހި ސިޓީއަކަށް ހެދުމުގެ އިސްތިރާޖު" ގެ ދަށުން އެ ޕްލޭން ތަންފީޒު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިޓީ ކައުންސިލުން ބުނީ މި މަސައްކަތުގެ އެންމެ ބޮޑު އެއް އަމާޒަކީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މާލޭގައި ހުރި ކުދި ގޯޅިތައް ހުސްކުރުމަށް "ވެށިފަހި މާލެ" ޕްރޮގްރާމް އަލުން އެކުލަވާލައި ތަންފީޒު ކުރާނެކަމަށް ކައުންސިލުން އާންމުކުރި ވީޑިއޯގައި ބުންޏެވެ.

އަދި މިގޮތަށް ހުސްކުރެވޭ ސަރަހައްދުތަކުގައި އާންމުންނަށް ބޭނުންކުރެވޭނެ ޕާކުތަކާއި މައިޒާންތައް ހެދުމަށްވެސް ވަނީ ރާވާފައިކަމަށް ކައުންސިލުން ބުންޏެވެ.

"ވެށިފަހި މާލެ" ޕްރޮގްރާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، މާލޭގެ ކުދި ބިންތައް ދައުލަތަށް ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ބިމާއި ފުލެޓު ދޫކުރުމަށް ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ދައުލަތަށް ލިބުނު ބައެއް ބިންތަކުގައި މާލޭގައި ޕާކިން ޒޯންތައް ހެދި ނަމަވެސް، ވެރިކަން ބަދަލުވުމާއެކު އެ މަސައްކަތް އޮތީ ހުއްޓިފައެވެ.

ސިޓީ ކައުންސިލްގެ މި ޕްލޭންގައި މާލޭގައި މިހާރު ހުރި ބާވެފައިވާ ސިނަމާލެ އަދި މާލެ ހިޔާ ފުލެޓުތައް އަލުން ތަރައްގީކުރުމުގެ މަޝްރޫއެއްވެސް ވަނީ ހިމަނާފައެވެ.