ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ނުގެންދަން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަަމަށް ދެކެ ވަޑައިގަންނަވާ ކަމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބް ރައީސް ނޫން މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބުނެ، އެމްޑީޕީގެ 48 މެންބަރުން ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް އިދާރާއިން ހުއްޓުވާފައިވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެމްޑީޕީން ދެ ކަމަކަށް އެދިފައިވެއެވެ.

އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރު ނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އެ މައްސަލައިގައި ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގެ ކަމާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނުއަސާސީގެ 82 ވަނަ މާދާގެ (ށ)އާ ހިލާފަށް ކަމަށެވެ.

އަދި އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި، ކަނޑައަޅާފައިވާ މެންބަރުންގެ ތެެރެއިން މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ތަރުތީބުން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

ނަމަވެސް މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް ބުނާ މައްސަލައިގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރައުޔު ވަނީ ތަފާތުވެފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގެ ވިދާޅުވީ، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް ހުރަސް އެެޅޭ ގޮތަށް ރާއްޖޭގެ އެެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް މާނަ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މަޖިލިސް ރައީސް މަގާމުން ވަކިކުރާ ޖަލްސާއެއް، ލަސްކުރަންޖެހޭ ޒަރޫރީ ހަލާތެއް މެދުވެރިވިޔަސް ގާނޫނުތަކުންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެން ކަންކަން ކުރުމަށް މަޖިލީހަށް ހުރަހެއް ނެތް ކަމަށްވެސް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

އެގޮތުން އިންތިހާބީ ރައީސް ހުވާކުރުމާއި މަޖިލީހުން ބަޖެޓް ފާސްކުރުމާއި އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. މި ނުކުތާގައި ފަނޑިޔާރު ސުއޫދުގެ ރައުޔަށް، ފަނޑިޔާރު އަޒްމިރާލްދާއާއި ރަނޑިޔާރު އަލީ ރަޝީދު ތާއީދުކުރެއްވިއެވެ.

އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ އެއްވެސް ސަބަބަކާހުރެ މަޖިލިސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި އެއްވެސް ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކަނޑާއަޅާ ހުކުމްކުރިއެވެ.