އަމީނީ މަގާއި އިތުރު ދެ މަގެއް މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން މަރާމާތުކުރުމަށް ހަމަޖެހިފައިވަނީ އަމީނީ މަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގެވެ.
ކުރީ ސަރުކާރުން ހަދާފައިވާ އަމީނީ މަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު އުފުލި، ދަތުރުފަތުރު ކުރުމަށް ދަތިވާ މިންވަރަށް މަގު ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އެ މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ ބުނީ މި މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް އެމްޓީސީސީން މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން މަގުތަކުގެ ތާރުގަނޑު ރަނގަޅު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އެ ތަންތަން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމާފައިކަމަށް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުންޏެވެ.
އަމީނީ މަގަކީ ކުރީ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރި މަގެކެވެ. އެ މަގުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
މުހައްމަދު އިޝާން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް