ސްޕެއިނަކީ ވޯލްޑް ކަޕް 2026 ގެ ފެވަރިޓެއް ނަމަވެސް، މިރޭގެ މެޗަށް ނުކުމެ، ސްޕެއިނަށް ފަސޭހައިން ސަލާމަތް ނުވެވޭނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރުޑީ ގާސިއާ ބުނެފިއެވެ.

ބެލްޖިއަމަށް މިފަހަރު ގްރޫޕް ސްޓޭޖު އުނދަގޫކޮށް ދިޔަ އިރު، ގްރޫޕް ސްޓޭޖުގައި މޮޅެއް ހޯދުނީ ނިއު ޒިލޭންޑް ކައިރިންނެވެ. އިރާނާއި މިސްރު ކައިރިންވެސް އެޓީމުވީ އެއްވަރެވެ. ބެލްޖިއަމުން ގަދަ 32 ގައި ސެނެގާލް ބަލިކުރީ އެންމެ ފަހުވަގުތު ގޯލްތައް ޖަހައި އިތުރު ވަގުތަށް ކުޅެގެންނެވެ. އެހެން ނަމަވެސް ގަދަ 16 ގައި އެމެރިކާ ބަލިކުރީ ފަސޭހަކަމާއެކުގައެވެ.

"އަހަރެމެންނަށް އެނގޭ މިކުޅެނީ ފެވަރިޓަކާ ކަން. ސްޕެއިނަކީ އަހަންނަށް ހީވާގޮތުން ބޯޅަ އޮންނަ ވަގުތު އެންމެ މޮޅު ޓީމު. އެހެން ކުޅޭތާ ވެއްޖެ 15 ނޫނީ 20 އަހަރު. އެކަމަކު އަހަރެމެން ފަސޭހަކޮށް ނެގިޔަކަ ނުދޭނަން. އަހަރެމެންގެ އެބައޮތް ވަރަށް ރަނގަޅު ޓީމެއް. އަހަރެމެންނަކީ އެންމެ ގިނަ ގޯލް ޖަހާފައިވާ އެއް ޓީމު. އެކަމަކު އަހަރެމެންނާ ކުޅޭ ސްޕެއިނަކީ ކޮޅަށް ގޯލެއް ނުވަދެ އޮތް ޓީމެއްކަންވެސް ހަނދާން ކުރާނަން،" ގާސިއާ ބުންޏެވެ.

ސްޕެއިނުން މިހާތަނަށް ކޮޅަށް ގޯލެއް ވަނަނުދީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެޓީމުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑް ކައިރިން ހައިރާން ކުރުވަނިވި ގޮތަކަށް އެއްވަރުވިއެވެ. އެހެން ނަމަވެސް ކުޅުނު ދެމެޗުގައި ސައުދީ އަރަބިއްޔާއާއި އުރުގުއާއީ ބަލިކުރި އިރު، ސްޕެއިން ގަދަ 32 ގައި ވަނީ އޮސްޓްރިއާ ބަލިކޮށްފައެވެ. އަދި ގަދަ 16 ގައި އެޓީމުން ވަރުގަދަ ޕޯޗުގަލް ބަލިކުރީ 1-0 އިންނެވެ.

ބެލްޖިއަމުން މިހާތަނަށް 13 ގޯލް ޖަހާފައިވާ އިރު، އެއީ މިހާތަނަށް މުބާރާތުގައި ތިންވަނައަކަށް އެންމެ ގިނައިން ގޯލް ޖެހި ޓީމެވެ. ބެލްޖިއަމަށްވުރެ އިތުރަށް ގޯލް ޖަހާފައިވާ ހަމައެކަނި ޓީމުތަކަކީ 14 ގޯލް ޖަހާފައިވާ އާޖެންޓީނާއާއި 16 ގޯލް ޖަހާފައިވާ ފްރާންސެވެ.

ބެލްޖިއަމުން ގޯލް ޖެހުމުގައި ބަދަލަކަށް އަރާ ރޮމެލޫ ލުކާކޫ އަދިވެސް ތަފާތު ދައްކަމުން އަންނަ އިރު، އުމުރުން 33 އަހަރުގެ ފޯވަޑް ބުނީ ބެންޗުން އަރަން ޖެހުން އެއީ މައްސަލައެއް ނޫން ކަމަށާއި، ކުރިއާލައި އެކަމަށް ވާހަކަ ދެކެވި، އެކަން ރާވާފައިވާ ކަމަށެވެ. ލުކާކޫ އަނިޔާއަކަށްފަހު ވޯލްޑް ކަޕާ ކުރިމަތިލި ނަމަވެސް، މިހާތަނަށް ތިން ގޯލް ޖަހާފައިވެއެވެ. ލުކާކޫ ބުނީ ސްޕެއިން ބަލިކުރެވޭނީ ފުރިހަމަ މެޗެއް ކުޅެގެން ކަމަށެވެ.

ލުކާކޫ އިތުރަށް ބުނީ ބެލްޖިއަމުން އަންނަނީ ރަނގަޅުވަމުން ކަމަށާއި، އެންމެފަހުން އެމެރިކާ ބަލިކުރި މެޗުގައި މުޅި ދަނޑު އެޓީމާ ދެކޮޅަށް އޮއްވާ ހޯދީ ފުރިހަމަ ނަތީޖާއެއް ކަމަށެވެ.

ސްޕެއިނާއި ބެލްޖިއަމް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ.