އެމެރިކާޔާއި އީރާނުގެ ފަހުމުނާމާ ބާތިލުވެއްޖެއެވެ. ދެގައުމުގެ މެދުގައި ބާއްވަމުންއައި ސިލްސިލާ މަޝްވަރާތަކުގެ ދޮރުވެސް ބަންދުވެއްޖެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ހަމަލަދޭން ފަށައިފިއެވެ. މިހަފުތާގެ އަންގާރަދުވަހުގެ ރެޔާއި ބުދަދުވަހުގެ ރޭ އެމެރިކާއިންވަނީ އީރާނުގެ ގާތްގަޑަކަށް ހުރިހާ ކަންކޮޅުތަކެއް ހިމެނޭހެން ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއީ މިއަހަރުގެ އެޕްރީލްމަހުގެ މެދުތެރޭގައި ހަމަލަތައް ހުއްޓާލުމާބެހޭ އެއްބަސްވުމެއް ގާއިމުކުރެވުނު ފަހުން މިހާތަނަށް އެމެރިކާއިން އީރާނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކެވެ. އެމެރިކާއިން މިފަހަރު އަމާޒަކަށް ހެދީ ހަމައެކަނި ރާޑަރު ސްޓޭޝަންތަކާއި މިސައިލް ބެޓެރީތަކެއް ނޫނެވެ. އީރާނުގެ އުތުރުގެ ސަރަހައްދެއްގައިވާ ބުރިޖަކަށްވެސް ހަމަލަދީފައިވެއެވެ. މިއީ ރޭލު ހުރަސްކުރާ ބުރިޖެކެވެ. އެމެރިކާގެ ހަމަލާތައް އެންމެބޮޑަށް އަމާޒުވި ރަށްރަށުގެ ތެރޭގައި ބަންދަރުއައްބާސް ހިމެނެއެވެ.

އެމެރިކާގެ އުދުވާނަށް އީރާނުންވެސް ވަނީ ލަސްތަކެއްނުވެ ރައްދު ދީފައެވެ. ބަހުރައިނާއި ކުވޭތުގައި ތިބޭ އެމެރިކާ ސިފައިން ގާއިމުވެގެން ތިބި ތަންތަނަށް ޑްރޯނާއި މިސައިލުން އީރާނުގެ ވަރުގަދަ ރައްދެއް ވަނީ ދީފައެވެ. ހަމައެކަނި އެތަންތަނަކަށް ނޫނެވެ. އަރަބި ކަނޑުގައިވާ އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށްވެސް ސަތޭކައަށްވުރެ ގިނަ މިސައިލް ފޮނުވައިލިއެވެ. މިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ބުންޏެވެ. އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް ސަތޭކަ އެގާރަ މިސައިލް އީރާނުން ފޮނުވައިލިއެވެ. ޓްރަމްޕު އައިސްފައިހުރި ރުޅިއެއްގެ ބޮޑުކަމުން ތޯއްޗެކެވެ. އީރާނުގެ ނަންވެސް އޭނާއަށް ކިޔުނީ ޖަޕާނު މިހެންނެވެ. އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާނެވެ. ހަގުރާމައިގެ އެންމެފަހުގެ ރާޅު ޖެހިޖެހިގެން ދެރެޔަށް ދެމިގެންދިޔައިރު އަންގާރަދުވަހުގެ ރެޔަށްވުރެ ބުދަދުވަހުގެރޭ އެމެރިކާގެ ހަމަލަތައް ގިނަވެފައި ފުޅާވެފައި ވަރުގަދައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަހުރުވައިންނަމަ އީރާނުގެ ކޮންމެ ހަމަލައެއްގެ ބަދަލުގައި އެއަށްވުރެ ވަރުގަދަ ވިހި ހަމަލަ އެމެރިކާއިން ދޭނެއެވެ. ޓްރަމްޕު ބުނާގޮތުގައި ކޮންމެ ހަމަލައެއްވެސް ދޭނީ ވިހިގުނަ ވަރުގަދަޔަށެވެ. ހަގުރާމައިގެ އާ އުސޫލަކީ އެއީކަމަށްވެސް އޭނާ ބުންޏެވެ. އީރާނުގެ ރައްދު އައީ އަންގާރަދުވަހުގެ ހަމަލަތަކަށެވެ. ބުދަދުވަހުގެރޭ ދީފައިވާ ހަމަލަތައް ތަފާތުވީމާ އެޔަށް ރައްދުދިން ވާހަކައެއް އަދިނީވެއެވެ. ބުނެފައިވަނީ ވޭންދެނިވި ވަރުގަދަ ރައްދެއް ދޭނެކަމުގައެވެ. އެހެންވީމާ ދުނިޔެ މިހާރުއޮތީ އީރާނުން ދެން ހަދާނެ އެއްޗަކާއި ކަންކަން ކުރާނެ ގޮތެއް ބެލުމުގެ އިންތިޒާރުގައެވެ. ހަގުރާމައިގެ އެންމެފަހުގެ ރާޅު އެހެން ހުރިހާ ރާޅުތަކާ ވަރަށް ތަފާތެވެ. ވަގުތާއި ހާލަތުގެ ގޮތުންނެވެ. މިފަހަރުގެ ރާޅު ބިންދައިލީ ނޭޓޯގެ ބައްތިރީސް ގައުމުގެ އެންމެ އިސްވެރިން ތުރުކީވިލާތުގެ ވެރިރަށް އަންކާރާއަށް ޖަމާވެ ނޭޓޯގެ ސަމިޓެއް ކުރިއަށް ދަނިކޮށެވެ. މިއީ ދެދުވަހުގެ ސަމިޓެކެވެ.

އެމެރިކާއަކީވެސް ނޭޓޯގެ މެންބަރު ބައްތިރީސް ގައުމުގެ ތެރެއިން ގައުމަކަށްވާތީ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް މި ސަމިޓުގައި ބައިވެރިވިއެވެ. ތުރުކީއަކީ އީރާނާ އިންވެގެންވާ ގައުމެކެވެ. އަންކާރާ އޮންނަނީ އީރާނުގެ ބޯޑަރާ ނުހަނު ގާތުގައެވެ. އެހެންވީމާ ޑޮނަލްޑް ޓްރަމްޕު މިފަހަރުގެ ހަމަލާތައް ފެށީ އީރާނު ފެންނަ ހިސާބުގައި ހުރެގެންނެވެ. އަންގާރައިން ބުދަޔަށް ބޭއްވުނު މި ސަމިޓުގައި ބައިވެރިވީ ހަމައެކަނި ނޭޓޯގެ މެންބަރު ގައުމުތަކެއް ނޫނެވެ. ނޭޓޯގެ ޕާޓްނަރުންވެސް ބައިވެރިވިއެވެ. އޭގެތެރެއިން އެންމެ އިސްވެރިން ބައިވެރިވީ ދެ ގައުމަކުންނެވެ. ޔުކްރޭނާއި ދެކުނު ކޮރެޔާއިންނެވެ. ހަގުރާމައިގެ އައު ރާޅު އުފެއްދުމަށްފަހު އެއްދުވަސް ފަހުން ޓްރަމްޕު ވަނީ އަންކާރާއިން ފުރާފައެވެ. އޭނާ އަންކާރާއަށް ދިޔައީ މީގެ ދުވަސްކޮޅެއް ކުރިން ގަތަރުން ހަދިޔާކުރި ރިޔާސީ ޖެޓުގައެވެ. އެކަމަކު ގައުމަށް އެނބުރި ދިއުމުގެ ދަތުރުގައި ޓްރަމްޕު ބޭނުންކުރީ ރިޔާސީ ބައު ޖެޓެވެ.

ސަލާމަތީ ކަންކަމާމެދު ޝައްކުތަކެއް އުފެދޭތީ ގަތަރުގެ ހަދިޔާ ބޭނުން ނުކުރީޔޯލައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހަގުރާމަ އިހުގެ ގޮތަށް ފުޅާކޮށް އަލުން ފެށުނީ ހެއްޔެވެ. ދެގައުމުގެ ފަހުމުނާމާއަށް ދެންވާނީ ކިހިނެއްހެއްޔެވެ. މަޝްވަރާތަކުގެ ކުރިމަގު އޮތީ ކިހިނެއް ހެއްޔެވެ. މިސުވާލުތަކުގެ ޖަވާބުވެސް ޓްރަމްޕު ވަނީ ދީފައެވެ. ބުންޏެވެ. ފަހުމުނާމާއެއް ނެތެވެ. އެއްޗެއް އޮތިއްޔާ އެ އެއްޗެއް ބާތިލުވީއެވެ. މަޝްވަރާތަކުގެ ކުރިމަގާމެދު ބުންޏެވެ. ވާހަކަ ދެއްކުމަކީ ވަގުތު ބޭކާރު ކުރުމެކެވެ. އެކަމެއް ދެން ނުކުރާނަމެވެ. މިހެން ބުނެފައި އޭނާ އީރާނުގެ ވެރިންނާއި ރައްޔިތުން ސިފަކުރީ ނަފްސާނީ ބަލި މީހުންގެ ގޮތުގައެވެ. ބުންޏެވެ. އީރާނުގެ ކަރަންޓު އުފައްދާ އިންޖީނުގެތަކާއި ބުރިޖުތަކާއި ފެންއުފައްދާ ޕްލާންޓުތައްވެސް ނައްތައިލާނަމެވެ. އެއީ ދާދިފަސޭހަ ކަމެކޭވެސް ބުންޏެވެ. މިހުރިހާ ވާހަކަތަކުގެ ތެރެއިންވެސް އެންމެ ސީރިއަސް އެންމެ ނުރައްކާތެރި ވާހަކަޔަކީ އީރާނުގެ ވެރިންނާއި ރައްޔިތުންނާމެދު އޭނާ ދެއްކި ވާހަކަތަކެވެ.

އެކަމަށް ރިއާޔަތްކުރާއިރު ޓްރަމްޕުގެ ސަރުކާރާއެކު އީރާނުންވެސް ދެން މަޝްވަރާކުރަން އިށީންނާނެ ކަމަށް ނުފެނެއެވެ. މިފަހަރުގެ ހަމަލާތައް ޓްރަމްޕު އެފެށީ އީރާނުގެ ޝަހީދުކޮށްލެވުނު ލީޑަރު ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށެވެ. ފަސްދާނުލުން އޮތީ ބުރާސްފަތި ދުވަހު އީރާނުގެ މަޝްހަދުގައެވެ. ހަމަލަތައް ފެށިވަގުތަކީ ޖަނާޒާގެ ވަގުތުކަމަށް ވުމަކީވެސް ދެން އީރާނުން ޓްރަމްޕުގެ ސަރުކާރާއެކު މަޝްވަރާތަކުގައި ނީށީންނާނެ ސަބަބެކެވެ. ކޮންމެއަކަސް އެމެރިކާއިން އަންގާރަ ދުވަހު އީރާނަށް ހަމަލަދޭންފެށީ ކީއްވެގެން ކޮން އުޒުރެެއް ދައްކައިފައި ބާވައެވެ. ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ދެތިން ޓޭންކަރަކަށް އީރާނުން ހަމަލަދިނީޔޯލައެވެ. އެކަމަކު އެއީ އީރާނުން އިއުތިރާފު ވެފައިވާ ކަމެއްވެސް ނޫނެވެ. ގިނަބަޔަކު ޝައްކުކުރަނީ އީރާނުގެ ބޮލުގައި އެޅުވުމަށް އިޒްރޭލުން ހިންގި އުދުވާނެއް ކަމުގައެވެ. ކަންކަން މިހާރު ފެންނަގޮތުން ޓްރަމްޕުގެ ވެރިކަމުގައި ދެން ސުލްހައެއް ނޯންނާނެއެވެ.