ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ އަދި އެފްއޭއެމްގެ ނައިބު ރައީސް ހުސެއިން ޝާފިއު (ކޮކީ) އަށް ލިބިވަޑައިގެންފިއެެވެ.
ސާފް ހިންގާ ކޮމިޓީގެ ކުރިއަށް އޮތް ދައުރު ކަމަށްވާ 2026 އިން ފެށިގެން 2030 ވަނަ އަހަރާ ހަމައަށް، އިންތިހާބީ މަގާމުތައް ކަމަށްވާ ރައީސް، ދެ ނައިބު ރައީސުންގެ އިތުރުން ތިން ހިންގާ ކޮމިޓީގެ މެމްބަރުން އަދި، އަންހެން މެމްބަރުކަމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ. އެ މަގާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، ބައެއް މަގާމުތަކަށް އަދި ނަންވެސް ފޮނުވާފައެއް ނުވެއެވެ. އެހެންކަމުން މިހާރު ނަން ހުށަހަޅާފައިވާ މެމްބަރުންނަށް ވަނީ ހިންގާ ކޮމިޓީގެ މެމްބަރުކަން ޔަގީންވެފައެވެ.
ސާފްގެ ކޮންގްރެސް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ މަހު އެއްވަނަ ދުވަހު، ބޫޓާންގައެވެ. އެ ކޮންގްރެސްއާއެކު އާ ހިންގާ ކޮމިޓީ ހަވާލުވާ އިރު، މިފަހަރުވެސް ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ އެންމެ ފަހުން ހަތަރު ދައުރުގައި ވެސް މަގާމު ފުރުއްވި ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީނެވެ. ނައިބު ރައީސްގެ މަގާމަށް އަދި ފޮނުވާފައި ވަނީ އެންމެ ނަމެކެވެ. އެއީ ސްރީ ލަންކާ ފުޓްބޯޅަ އިދާރާގެ ރައީސް ޖަސްވާރު އުމަރުގެ ނަމެވެ.
އެގްޒެކްޓިވް މެމްބަރުންގެ ގޮތުގައި ރާއްޖޭގެ ކޮކީގެ އިތުރުން، ބަންްގްލަދޭޝްގެ ސާބިރު އަހުމަދު އާރިފްގެ ނަން ހުށަހަޅާފައިވާ އިރު، ބާކީ އަދި އެއް ޖާގަ ހުސްކޮށް އެބައޮތެވެ. އަންހެން މެމްބަރު ކަމަށް ބޫޓާންގެ ޒަމްބީރީގެ ނަން ފޮނުވާފައިވާ އިރު، ސާފުން ބުނެފައި ވަނީ ހުސްވެފައިވާ އިތުރު ޖާގަތަކަށް އަދި ނަން ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގަމުން އަންނަ ކްލަބް، މާޒިޔާގެ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކޮކީ ވަނީ އެފްއޭއެމްގައި އެންމެ ފަހުން އޮތް ދެ ލީޑަޝިޕްގައި ވެސް މަސައްކަތްކޮށްފައެވެ. ކޮކީ، އެންމެ ފުރަތަމަ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމަކަށް އައީ 2019 ވަނަ އަހަރުއެވެ.
ސާފުން ބުނެފައި ވަނީ ސާފް އެކްސްކޯގައި ހިމެނޭ އޭއެފްސީ އެކްސްކޯ މެމްބަރުގެ މަގާމު ހުސްވާނި 2027 ގައި ކަމަށްވުމާއެކު މިފަހަރު އެމަގާމަށް އިންތިހާބުކުރަން ހުޅުވާނުލާ ކަމަށެވެ.
ސާފް
ސާފް
ސާފް
ކޮމެންޓް