ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ހާފްޓައިމްގައި ހާއްސަ ޝޯއެއް ބާއްވަން ފީފާއިން ނިންމާފައިވާ އިރު، އެ ޝޯއަށް ޖަސްޓިން ބީބާގެ ޕާފޮމަންސެއްވެސް އިތުރު ކޮށްފިއެވެ.

ހާފްޓައިމް ޝޯއަކީ އެމެރިކާގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް ކަމަށްވާ ސުޕަ ބޯލްއިން ފެނިގެންދާ ސަގާފަތެކެވެ. ފީފާއިން ނިންމާފައި ވަނީ ޖުލައި 19 ވަނަ ދުވަހު އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕް ފައިނަލުގައި ހާފްޓައިމް ޝޯއެއް ބާއްވާށެވެ.

އެ ޝޯގައި ވޯލްޑް ކަޕްގެ ދެވަނަ ތީމް ލަވަ ކިޔާފައިވާ ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާއާއި ކޭ-ޕޮޕް ސުޕަގްރޫޕް ބީޓީއެސް ފެނިގެންދާނެކަން ކުރިން ވަނީ އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން މެޑޯނާއާއި ކޯލްޑްޕްލޭގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިންގެ ހުށަހެޅުމެއްވެސް ހާފްޓައިމް ޝޯގައި ފެންނާނެ ކަމަށް ފީފާއިން ކުރިން ބުންޏެވެ.

ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އާޓިސްޓުންގެ އިތުރުން ޖަސްޓިން ބީބާގެ ހުށަހެޅުންތައްވެސް ހާފްޓައިމް ޝޯއަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕް 48 ޓީމާއެކު ކުރިއަށްދާ އިރު، މިހާރު ބާކީ އޮތީ އެންމެ ވަރުގަދަ އަށް ޓީމެވެ. އެއީ ކުއާޓާ ފައިނަލުގައި ވާދަކުރާ އަށް ޓީމެވެ.

މިދިޔަ އަހަރު ކްލަބު ވޯލްޑް ކަޕްވެސް އެމެރިކާގައި ބާއްވާފައިވާ އިރު، އެ މުބާރާތުގެ ފައިނަލްގައިވެސް ހާފްޓައިމް ޝޯއެއް ފެނުނެވެ.