ބްރެޒިލް ފުޓުބޯޅައިގެ އެއްވެސް ހަމައެއްލަމައެއް ނެތް ކަމަށާއި، ހިންގަމުން ދަނީ އެކަށީގެންވާ އޮނިގަނޑެއް ނެތި ކަމަށް ދުނިޔެ ދުށް އެންމެ ވަރުގަދަ ފުޓުބޯޅަ ޝަހުސިއްޔަތު ޕެލޭގެ ދޮށީ އަންހެން ދަރިފުޅު ކެލީ ނަސިމެންޓޯ ބުނެފިއެވެ.

ޕެލޭގެ ދަރި ކެލީއަކީ އެކްޓިވިސްޓް ފިލްމްމޭކާއެއްގެ އިތުރުން ޕެލޭގެ ފަރާތުން ހިންގާ އިންސާނީ އެހީ ފޯރުކޮށްދޭ މަސައްކަތްތަކާއި ފުޓުބޯޅައަށް އެހީދޭ މަސައްކަތްތައް ހިންގާ ފަރާތެވެ. ބްރެޒިލަށް 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއް ހޯދިފައި ނުވާ އިރު، މިފަހަރުވެސް ކެޓީ ގަދަ 16 އާ ހަމައިންނެވެ. އެއީ ނޯވޭ އަތުން ބަލިވެގެންނެވެ.

"ބްރެޒިލްގެ ފުޓުބޯޅަ އޮތީ ބޮއްސުންލާފައި. އެއީ ކޮރަޕްޝަނުގެ ސަބަބުންކަމެއް އެހެން ކަންތައްތަކެއްގެ ސަބަބުން ކަމެއް ސީދާ ބުނާކަށް ނޭނގެ. އެކަމަކު އެނގޭހާވެސް އެއްޗަކީ ބްރެޒިލް ފުޓުބޯޅައަކީ ފޮރުވިފައިވާ ކަމެއްކަން. އެކަމުގެ ތެރޭގައި ހިނގާ ކަމެއް ސީދާ ބުނެދޭން އެއްވެސް މީހަކަށް ސީދާ ނޭނގެ. ސިސްޓަމް ފެއިލިވެއްޖެކަން އެންމެނަށްވެސް އެނގޭ، އެކަމަކު ރަނގަޅު ކުރާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭ،" ކެލީ ބުންޏެވެ.

މިއީ ބްރެޒިލަށް 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލްގެ ކުރިން ކެޓި ފުރަތަމަ ފަހަރެވެ. ކެލީ ބުނީ އަދިވެސް ބްރެޒިލަކީ ދުނިޔޭގެ އެންމެ ގިނަ ކުޅުންތެރިން އުފައްދާ ކާރުހާނާ ކަމަށާއި، އެގައުމުގެ ހުނަރު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ވޯލްޑް ކަޕް ފަދަ މުބާރާތްތަކުން މި ފެންނަނީ ސިސްޓަމުގެ ފެއިލިއާއެއް ކަމަށްވެސް އޭނާ ބުންޏެވެ.

ކެލީ ބުނީ ބައްޕަ މަރުވުމުގެ ކުރިންވެސް އެ ވާހަކަތައް ތަކުރާރުކޮށް ދައްކާފައިވާ ކަމަށާއި، ޔޫރަޕްގެ ގައުމުތައް ކަމަށްވާ ފްރާންސާއި އިންގްލެންޑްގެ ސިސްޓަމްތަކުގެ ވާހަކަ މާކުރިން ބައްޕަ ދިޔައީ ފާހަގަކުރަމުން ކަމަށެވެ.

ބްރެޒިލްގެ ބޮޓަފޯގޯއަށް ދާދިފަހުން އެމެރިކާގެ އިންވެސްޓަރެއް ކަމަށްވާ ޖޯން ޓެކްޓާ އިންވެސްޓްކޮށް ކްލަބުގެ ކޮންޓްރޯލް ނަގާފައިވާ އިރު، ކެލީގެ ނަޒަރުގައި އެއީ ރަނގަޅު ފިޔަވަޅެކެވެ. ބޮޓަފޯގޯއަކީ ތާރީހީ ކްލަބަކަށްވާތީ ކަމަށް އޭނާ ބުންޏެވެ. ބޮޓަފޯގޯ މިހާރު ހިންގަމުން އަންނަ ގޮތަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ނަމަވެސް ކެލީ ބުނީ ކޮންމެ ކަމެއްގައިވެސް ދެފުށް އޮންނާނެ ކަމަށެވެ. އޭނާ ބުނީ އެ ކްލަބުން މިހާރު ފެންނަ އެންމެ ރަނގަޅު ކަމަކީ ދެފުށް ފެންނަ ހިންގުމުގެ ނިޒާމެއް ކަމަށެވެ.

ކެލީ ބުނެފައި ވަނީ ބްރެޒިލްގެ ފުޓުބޯޅަ ރަނގަޅަށް ހިންގުމަށް އިދާރީ ކަންކަން މިހާރަށްވުރެ ހަރުދަނާ ވާން ޖެހޭ ކަމަށާއި، ބައްޕަ އަބަދުވެސް ދުށް ހުވަފެނަކީ ފުޓުބޯޅައިން މުޅި ގައުމަށް އުފާވެރިކަން ލިބުން ކަމަށެވެ. އެކަމަށް ކުރެވެން އޮތް މަސައްކަތަކީ މުޅި ނިޒާމު އޯވާހޯލް ކުރުން ކަމަށްވެސް އޭނާ ބުންޏެވެ.