މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުއާޒު މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.

މުއާޒު، މީގެކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއަކަށް މުއާޒު އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.

ފެނަކައިން އިސްތިއުފާ ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި މުއާޒު ވިދާޅުވެފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަސްއޫލިއްޔަތުތައް އިހުލާސްތެރިކަމާ އެކު އަދާކުރައްވައިފައިވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހޭދަކުރެއްވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އެ ގޮންޖެހުންތަކާ އެކު ވެސް ކުންފުނީގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މުއާޒް ވިދާޅުވެފައިވަނީ ކުންފުނިތައް ހިންގަންވާނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީން ކަމަށްވި ނަމަވެސް ފެނަކައަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި ކުންފުނީގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅައި ބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ފެނަކައިގެ ދަރަނި ހުރި މިންވަރަށް އަޅައި ބަލާއިރު، ހިންގުމުގެ ހަރަދު ކުޑަކޮށްގެން ފެނަކައަށް ދިމާވެފައިވާ މާލީ ހާލަތުން އަރައި ނުގަނެވޭނެ ކަމަށެވެ. މާލީ ހާލަތުން އަރައިގަނެވޭނެ ގޮތުގެ ޕްލޭން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރި ނަމަވެސް އަލިމަގެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"ކުންފުނީގެ ބެލެނިވެރި ފަރާތް ކަމުގައިވާ މާލީ ވުޒާރާއަށް މިކަންކަމުގައި ހުރި ދަތިތަކާއި އިސްވެ ދެންނެވުނު ހާލަތުން އަރައިގަތުމަށްޓަކައި މަސްވަރާކޮށް ގޮތެއް ހޯދުމަށް ތަފާތު އެކިފަހަރު މަތިން ވަނީ ދެންނެވިފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުރޫމްވާން ޖެހުން އެއީ، އޭގެ ސަބަބުން އަޅުގަނޑާއި ކުންފުންޏާއި އަދި މަނިކުފާނަށް (ރައީސް މުއިއްޒު) ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެކެވެ،" މުއާޒް ވިދާޅުވެފައިވެއެވެ.

"ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތްތަށް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ"

މުއާޒް ވިދާޅުވެފައިވަނީ ފެނަކައިގެ 4.3 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް އިރު، ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައިނުވާ ކަމަށެވެ. އަދި ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ފެނަކައަށް ލިބޭ އާމްދަނީއާ އަޅައި ބަލާއިރު، ކުރަންޖެހޭ ހަރަދު އިންތިހާއަށް އިތުރު ކަމަށެވެ. އަދި ފެނަކަ ރައިޓް ސައިޒް ކުރުމުގެ މަސައްކަތަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ލިބެމުންނުދާ ކަމަށް މުއާޒް ވިދާޅުވެފައިވެއެވެ.

ފާއިތުވި އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައި ނުވާ ކަމަށާއި އެއީ ފަހުގެ ތާރީހެއްގައި ކުންފުނީގައި ހިނގައިފައިވާ ކަމެއް ނޫން ކަމަށް މުއާޒް ވިދާޅުވެފައިވެއެވެ.