ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން އިން މިއަދު ބުނި ގޮތުގައި މި މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެ އިދާރާ ބުނި ގޮތުގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯއެވެ. އެ ތަކެތީގެ ބަރުދަނުގައި 3.6 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާއަށް އަރައެވެ. ނަމަވެސް ބާޒާރުގެ ހާލަތަށް ބަލާއިރު، މިފަދަ މަސްތުވާތަކެތީގެ އަގު ފަސް މިލިއަން ރުފިޔާއަށް ވުރެ މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާ އިން ފާހަގަ ކުރެއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުރަސްކޮށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ފަހަކަށް އައިސްވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވެއެވެ.