މިސްރުގެ ކޯޗު ހޮސާމް ހަސަނާއެކު އެގައުމުން ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މިސްރުން މިފަހަރު ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށް ތާރީހު ލިޔެލާފައިވާ އިރު، އެ ދަތުރުގައި އެންމެ ބޮޑު ފޯކަސްއެއް އަމާޒުވީވެސް ކޯޗު ހަސަނަށެވެ. އެގޮތުން އޮސްޓްރޭލިއާ ކައިރިން ހޯދި ނޮކްއައުޓް ބުރުގެ މޮޅު ފަލަސްތީނު ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ އިރު، އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗަށްފަހު އޭނާ ދެއްކި ވާހަކަތަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެފައިވެއެވެ.

މިސްރުން މިފަހަރު ވޯލްޑް ކަޕްގައި މުޅިން އަލަށް މޮޅެއް ހޯދައި، މުޅިން އަލަށް ނޮކްއައުޓަށްވެސް ދަތުރު ކޮށްފައިވާ އިރު، އާޖެންޓީނާ ކައިރިން ބަލިވީ ހިތްދަތި ގޮތަކަށެވެ. އެއީ 2-0 ގެ ލީޑެއް ގެއްލި، 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު ކޯޗު ހަސަނާއި މިސްރުން ވަނީ ވޯލްޑް ކަޕް އާޖެންޓީނާއަށް ދޭން މަސައްކަތް ކުރާ ކަމަށް ބުނެ، ރެފްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

މިސްރުގެ އެފްއޭއިންވެސް އެ މައްސަލަ ބަލަން ފީފާއަށް އެދިފައިވެއެވެ.

މިސްރުގެ އެފްއޭއިން ބުނީ އެފްއޭގެ ރައީސް ހާނީ އަބޫ ރީދާއާއި ބޯޑުން، ކޯޗު ހޮސާމް ހަސަންގެ އިތުރުން ޓީމް ޑިރެކްޓަރު، ހޮސާމް ހަސަނާ އޭނާގެ އެއްމާބަނޑު އިބްރާހީމް ހަސަންގެ އެއްބަސްވުން އާކުރަން ނިންމާފައިވާ ކަމަށެވެ.

އުމުރުން 59 އަހަރުގެ ހަސަން މިސްރުގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. އޭގެފަހުން މިސްރާއެކު އޭނާ ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ.

މިފަހަރު ވޯލްޑް ކަޕަށް ދިޔަ އިރު، ހަސަން ހުރީ އެއްބަސްވުމެއްގައެއް ނޫނެވެ. އެއީ ފެބްރުއަރީ މަހު އެއްބަސްވުން ހަމަވެފައި އޮތުމުންނެވެ.

މިސްރުގެ ނޫސްތަކުން ބުނީ ހަސަން މިފަހަރު އެއްބަސްވުން ހަދާފައި ވަނީ 2030 ވަނަ އަހަރާ ހަމައަށެވެ.