މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށި ސިޓީން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ ދެ އޮޕަރޭޝަންގެ ތެެރެއިން މި ހަފުތާގެ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ/ ލޭކޮކާ، ހަސަން އިބްރާހީމް (27އ) އާއި، ކުޅުދުއްފުށި ސިޓީ/ ކަގި، ފާތިމަތު އަލީ (32އ) އެވެ.

އެ މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ގެސްޓްހައުސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމު ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތީގެ ބޭނުންކުރާކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަސަން ދިހަ ދުވަހަށް އަދި ފާތިމަތު ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

9 ޖުލައި 2026: މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށިސިޓީން ހައްޔަރުކުރިކަމަށް ބުނާ ދެ މީހެއް --- ފޮޓޯ/ ފުލުހުން

އޭގެއިތުރުން ފުލުހުން ބުނީ ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށިސިޓީ/ އެނީޒާ، އާދަމް މުހައްމަދު (42އ) އާއި ކުޅުދުއްފުށި ސިޓީ/ ހުވަފެނީއައްސޭރި، އަހުމަދު އިސްމާއީލް (33އ) އެވެ.

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެވަގުތު ތިބި ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް އަށް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.