އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ދަށްވެ، ޖީޑީޕީ 3 ޕަސަންޓުން ކުރިއަރާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ.
އޭޑީބީން މިއަދު ނެރުނު އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އިގުތިސޯދީ އަންދާޒާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ އެއް ޕަސެންޓުންނެވެ. އަންނަ އަހަރު ޖީޑީޕީ ތިން ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަމަހާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 5.7 ޕަސަންޓު ދަށަށް ގޮސްފައި ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނީ މި އަހަރުގެ މާޗު އަދި އޭޕްރީލް މަހު ފަތުރުވެރިން އައި އަދަދު ދަށަށް ދިޔަ ނަމަވެސް އަހަރުގެ ފުރަތަމަ ދެ މަހު ލިބުނު ބޮޑު ކުރިއެރުމާއި ފަތުރުވެރިން ކުރި ހޭދަ އިތުރުވުމުގެ ސަބަބުން، މި އަހަރުގެ ޖެނުއަރީން މޭ މަހުގެ ނިޔަލަށް ދަތުރުފަތުރުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 1.9 ޕަސަންޓު ކުރިއަރާފައި ކަމަށެވެ
ރިޕޯޓުގައި ބުނީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ބޮޑު ދަށްވުމަށްފަހު، ރިސޯޓުތަކަށް ކުރާ އިންވެސްޓްމަންޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިއުމާއި ސަރުކާރުގެ ކެޕިޓަލް ހަރަދުތައް 12.9 ޕަސެންޓު އިތުރުވުމާ ގުޅިގެން އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރާފައިވާ ކަމަށެވެ.
ރިޕޯޓުގައި ބުނީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއިން މަސް ބޭރުކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، 49.7 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބުތަކަކީ މަސްވެރިކަން ދަށްވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ފްރައިޓްގެ އަގުބޮޑުވުމާއި އޮޕަރޭޝަނަލް ލަސްތަކެއް ކުރިމަތިވުމުގެ އިތުރުން ޑިމާންޑް ދަށްވުން ކަމަށް ވެދާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
"މި ދަށްވުން އައިސްފައިވަނީ މަސްވެރިންނަށް ދޭ ތެލުގެ ސަބްސިޑީގެ ސަބަބުން އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށް އެހީތެރިވެދީފައި ވަނިކޮށް. އިޝްތިހާރުކުރުމުގެ ކެމްޕޭންތަކާއި ފްލައިޓްތަކުގެ ގުޅުން އިތުރުވުމުގެ ސަބަބުން ހަތަރު ވަނަ ކުއާޓަރުގެ ޕީކް ސީޒަންގައި ފަތުރުވެރިކަން ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، އިމާރާތްކުރުމުގެ ދާއިރާގެ ދުވެލިވެސް ހަމަ އެގޮތުގައި ކުރިއަށްދާނެ ކަމަށް ބެލެވޭ. ނަމަވެސް، ކުރިން ލަފާކުރި ގޮތާ ހިލާފަށް، އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ސިނާއަތް ރަނގަޅުވާނެ ކަމަށް ނުބެލެވޭތީ، މުޅި އިގުތިސޯދަށް އަންނަ ކުރިއެރުން ވަކި މިންގަނޑެއްގައި ހިފެހެއްޓޭނެ. އަދި އަހަރުގެ ފުރަތަމަ ހަމަހުގެ ދަށްވުމާ ގުޅިގެން، ފަތުރުވެރިކަމުން ލިބޭ އާމްދަނީ 2025 ވަނަ އަހަރާ އަޅައިބަލާއިރު 2026 ވަނަ އަހަރު ކުރިއަރާނެ މިންވަރު ދަށްވާނެ ކަމަށް ލަފާކުރެވޭ" އޭޑީބީގެ ރިޕޯޓުގައިވެއެވެ.
އޭޑީބީން ބުނި މި މިސްރާބުތައް އަންނަ އަހަރާ ހަމައަށްވެސް ދެމިގެންދާނެކަމަށް ބެލެވޭ ކަމަށާއި މި ބަދަލުތަކުން ދައްކުވައިދެނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރުގެ ސަބަބުން އިތުރު ކުރިއެރުންތަކަށް ހުރަސްއެޅިފައިވާ މިންވަރު ކަމަށެވެ. އޭޑީބީން ބުނީ އިގްތިސޯދީ އަންދާޒާތަކަށް އޮތް ނުރައްކާތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ބޭރުގެ ފަރާތްތަކާ ކަމަށެވެ. މި ނުރައްކާތައް ބޮޑަށް ބުރަވަނީ ދަށަށް ދިއުމުގެ ފުރުސަތު އޮތް ކޮޅަށް ކަމަށެވެ. އެގޮތުން މެދުއިރުމަތީގައި ދިގުލައިގެންދާ ހަމަނުޖެހުމަކީ އެންމެ ބޮޑު ނުރައްކާ ކަމަށާއި ސަބަބަކީ އޭގެ ސަބަބުން ތެލުގެ އަގު އުފުލި، އިންފްލޭޝަންގެ ޕްރެޝަރު ބޮޑުވެ، އާންމު ގޭބިސީތަކުގެ ގަންނަން ލިބޭ ބާރު ދަށްވެގެންދާނެތީ ކަމަށެވެ.
އޭޑީބީން ބުނީ ތެލުގެ އަގު އުފުލުމުން ކުރާ ސީދާ އަސަރުތައް މިވަގުތު ކޮންޓްރޯލް ކުރެވިފައިވަނީ ސަބްސިޑީގެ އެހީގައި ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން، ކުރިންވެސް ބޮޑުވެފައިވާ ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ބޮޑު ދަރަނި އިތުރަށް މައްޗަށްދާ ކަމަށެވެ. އެހެންކަމުން، މި ހާލަތު ދިގުލައިގެން ހިނގައްޖެނަމަ ފިސްކަލް ޖާގަ ހަނިވެ، ދަރަނީގެ ޕްރެޝަރުތައް އިތުރުވެގެންދާނެ ކަމަށް އޭޑީބީން ލަފާކޮށްފައިވެއެވެ.
އޭޑީބީން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ކުރާނެ ކަމަށް ލަފާކުރި ވަރަށްވުރެ ކުޑަ އަސަރެއް ކުރުމާ ގުޅިގެން، ޖުލައި މަހުގެ އަންދާޒާތަކަށްވުރެ ދަށްކޮށް، އިންފްލޭޝަން ހުންނާނެ ކަމަށާއި މި އަހަރު ހުންނާނެ ކަމަށް މިހާރު ލަފާކުރެވެނީ 2.2 ޕަސަންޓުގައި ކަމަށާއި އަދި އަންނަ އަހަރު އެ އަދަދު ދަށްވެ އިންފްލޭޝަން ހުންނާނީ 2.0 ޕަސަންޓުގައި ކަމަށެވެ.
އޭޑީބީން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރުގެ ސަބަބުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކަރަންޓާއި ދަތުރުފަތުރުގެ އަގުތައް ކުޑަކޮށް އުފުލުނު ނަމަވެސް މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ޖުމްލަ ޕްރެޝަރުތައް ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ. އެގޮތުން އޭގެ ކުރީ އަހަރު އިންފްލޭޝަން 5.2 ޕަސަންޓުގައި ހުރުމަށްފަހު، މި މުއްދަތުގައި އިންފްލޭޝަން އެވްރެޖްކޮށް ހުރީ 0.9 ޕަސަންޓުގައި ކަމަށް ބުންޏެވެ. އަދި އަންނަ އަހަރު އިންފްލޭޝަން ދަށްވާނެކަމަށް ލަފާކޮށްފައިވަނީ، އެތެރެކުރާ މުދަލާއި ހިދުމަތްތަކުގެ (ދަތުރުފަތުރު ހިމެނޭގޮތަށް) އަގުތައް ދަށްވުމާ ގުޅިގެން ކަމަށް އޭޑީބީން ބުންޏެވެ. ސަބަބަކީ، ހާއްސަކޮށް ތެލާއި ކަރަންޓަށް ދެމުންގެންދާ ބޮޑެތި ސަބްސިޑީތަކުގެ ސަބަބުން ތެލުގެ އަގު ބޮޑުވުމުން ކުރާ އަސަރުތައް ކޮންޓްރޯލްކުރުން ކުރިއަށްދާނެތީ ކަމަށް ބުންޏެވެ.
އޭޑީބީން ވަނީ ފިސްކަލް ޑެފިސިޓް، ޖުލައި މަހުގެ އަންދާޒާތަކަށްވުރެ މައްޗަށް ގޮސް މި އަހަރު ހަ ޕަސެންޓުގައި އަދި އަންނަ އަހަރު 4.5 ޕަސަންޓުގައި ހުންނާނެ ކަމަށް ލަފާކޮށްފައެވެ. މި އަންދާޒާ މައްޗަށް ޖެހިފައިވަނީ މި އަހަރު ސަބްސިޑީއަށް ކުރާ ހަރަދު ބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން ޖުލައި މަހާ ހަމައަށް ސަބްސިޑީގެ ހަރަދު ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 77.0 ޕަސަންޓު އިތުރުވެފައެވެ. މިދިޔަ އަހަރު ކުޑަ ސާޕްލަސްއެއްގައި އޮތުމަށްފަހު މި އަހަރުގެ ޖެނުއަރީ މަހުން ޖުލައި މަހުގެ ނިޔަލަށް ސަރުކާރުގެ ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 20.7 ޕަސެންޓު އިތުރުވެފައެވެ. މިއީ އާމްދަނީއަށް އައި 9.0 ޕަސަންޓުގެ ކުރިއެރުމަށްވުރެ ބޮޑު މިންވަރަކަށް ވުމާއެކު، ޖީޑީޕީގެ 1.0 ޕަސެންޓުގެ ޑެފިސިޓެއް ވަނީ އުފެދިފައެވެ. މި ޑެފިސިޓް މައިގަނޑު ގޮތެއްގައި ފައިނޭންސްކޮށްފައިވަނީ އެތެރޭގެ ބާޒާރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ އިތުރުވުމުގެ އެހީތެރިކަމާއެކު، އަންނަ އަހަރު ފިސްކަލް ޑެފިސިޓް ކުޑަވާނެ ކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، ދަރަނި އަދާކުރުމަށް ކުރާ ހޭދަ މި އަހަރު 1.0 ބިލިއަން ޑޮލަރަށްވުރެ މަތީގައި ހުރުމަށްފަހު، އަންނަ އަހަރު 666 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭޑީބީން ބުނިގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ ޖީޑީޕީގެ 122.7 ޕަސަންޓަށް ދަށްވެފައެވެ. އަދި ދަރަނި އަދާ ނުކުރެވުމުގެ ނުރައްކާ ކުޑަވެފައިވާކަން ފާހަގަކޮށް، ޖޫން މަހު ފިޗް ރޭޓިންގްސްއިން ވަނީ ރާއްޖޭގެ ރޭޓިން "ސަބްސްޓެންޝަލް ކްރެޑިޓް ރިސްކް" (ސީސީސީ) އަށް މަތިކޮށްފައިކަން ފާހަގަކޮށްފައިވެއެވެ.
ކަރަންޓް އެކައުންޓް ޑެފިސިޓް، ޖުލައި މަހު ލަފާކުރި ވަރަށްވުރެ ބޮޑަށް ފުޅާވެ، މިއަހަރު ޖީޑީޕީގެ 13.5 ޕަސަންޓަށް އަރާނެ ކަމަށް ބެލެވޭ ކަމަށާއި އަންނަ އަހަރު މި އަދަދު 12.5 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
"ފަހުގެ އެކްސްޓާނަލް ލިކުއިޑިޓީ އިންޑިކޭޓަރުތަކުން ދައްކާ ގޮތުގައި ބޭރު ފައިސާގެ ޕްރެޝަރުތައް ދެމިއޮވެ، ނާޒުކުކަން ވަނީ އިތުރުވެފައެވެ. އޭޕްރީލް މަހުގެ ނިޔަލުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ވަނީ 3.3 ހަފުތާގެ އިމްޕޯޓަށް ބޭނުންވާ މިންވަރުން 2.8 ހަފުތާއަށް ދަށްވެފައެވެ. އަދި ޖުލައި މަހުން ފެށިގެން ބާޒާރުގައި ރުފިޔާގެ އެކްސްޗޭންޖް ރޭޓްގެ އަގު ވަނީ އިތުރަށް ދަށްވެފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ރުފިޔާއަށް މާރުކުރުން ލާޒިމުކުރާ މިންވަރު އިތުރުކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ މަހު ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. މި އަހަރު މި ހާލަތު ގޯސްވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރީގެ ހާލަތު ދަށްވުމެވެ. އެގޮތުން ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ކުރިއެރުން މަޑުޖެހި، މަސް ބޭރުކުރާ މިންވަރު ދަށްވުމާއެކު، ސަރުކާރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތީގެ ޑިމާންޑް ބޮޑުވެ، ތެލުގެ އަގު އުފުލުމާ ގުޅިގެން މުދާ އެތެރެކުރާ މިންވަރު ވަނީ އިތުރުވެފައެވެ." އޭޑީބީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އޭޑީބީން ބުނި ގޮތުގައި ފަތުރުވެރިކަން އަލުން ރަނގަޅުވެ، ހިދުމަތްތަކުގެ ބެލެންސް ހަރުދަނާ ވާނެ ކަމަށް ލަފާކުރެވޭތީ އަންނަ އަހަރުގެ އަންދާޒާ ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައެވެ. އެހެންނަމަވެސް، ދައްކަން ޖެހޭ ބޮޑެތި ދަރަނިތަކާއި މުދާ އެތެރެކުރުމަށް ބޭނުންވާ މިންވަރު އިތުރުވުން އެއް ދުވަސްވަރަކާ ދިމާވުމުގެ ސަބަބުން ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރުތައް ދެމިއޮންނާނެ ކަމަށް ބުނެފައިވެއެވެ.
އަލީ ޔާމިން
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
ކޮމެންޓް