އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ހިންގުން އަދި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަގުޗާޓުގެ މަސައްކަތް ނިންމުމަށް ހާއްސަ ކޮމިޓީއެއް ނަގައި އެ ކޮމިޓީގެ މުގައްރިރަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ހަމަޖައްސައިފިއެވެ.

އެމްޑީޕީން މިރޭ ބުނީ އެ ޕާޓީން ވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހު، ޕާޓީގެ އަސާސީ ގަވާއިދު އަދި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގުޗާޓު އެކުލަވާލާފައި ކަމަށެވެ.

މަގުޗާޓުގެ މައްސަކަތް ނިންމުމަށް ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ ކޮމިޓީއެއް އެކުލަވާލާފައިކަމަށް އެމްޑީޕީން ބުންޏެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ފައްޔާޒް އިސްމާއިލް (މުގައްރިރު) - މއ. ބޯގަންވިލާ / މާލެ
  • މާރިޔާ އަހުމަދު ދީދީ - ގ. އޮއިނާށި / މާލެ
  • އިމްތިޔާޒް ފަހްމީ - މ. އަފްޒާ / މާލެ
  • އަބްދުﷲ ސާދިގު - ކައުސަރު / ސ. ހިތަދޫ
  • މައުރޫފް އަހުމަދު - ނިއުލައިޓް / ލ. ކަލައިދޫ
  • އިބްރާހިމް ވަހީދު - މ. ބަނަފްސާވިލާ / މާލެ
  • މުހައްމަދު ރަޝީދު ހުސައިން - މ. ޖަވާހިރުވާދީ / މާލެ
  • އަހުމަދު އަބްދުﷲ - އޯޝަންވިލާ / ހއ. ތަކަންދޫ
  • މަހުފޫޒް ސައީދު - ވިކްޓަރީ / ގއ. ކޮލަމާފުށި
  • ޔާސިރު އަބްދުލްލަތީފް - މިޒާޖް / ހދ. ކުޅުދުއްފުށި

މި މަގުޗާޓަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލި މަގުޗާޓެކެވެ. މި މަގު ޗާޓު އެކުލަވާއިރު ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ފައްޔާޒެވެ.

އެ މަގުޗާޓުގައި ފާހަގަކޮށްފައި ހުރި ކަންކަން ގައުމީ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ފައްޔާޒުވަނީ އިސްތިއުފާ ދެއްވައިފައެވެ.