ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން ސްކީމެއް ކުރިއަށް ގެންދަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ ހައުސިން މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއްޔެވަނީ އައިލެންޑް އެވިއޭޝަނާ ހަވާލުކޮށްފައެވެ.

އެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ. އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

އެޗްޑީސީން، އައިލެންޑް އެވިއޭޝަނަށް ދީފައިވަނީ ހުޅުމާލެ ފޭސް ދޭކުން 12،00 އަކަފޫޓުގެ ބިމެކެވެ.

ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުންވެސް ވަނީ ހުޅުމާލެ ފޭސް ދޭއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިފައެވެ.