ކްރޮއޭޝިއާ ގައުމީ ޓީމު ދުށް އެންމެ ކާމިޔާބު ކޯޗު ލަޓްކޯ ޑަލިޗް، މަގާމު ދޫކޮށްލަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

ކްރޮއޭޝިއާއިން މިފަހަރުގެ ވޯލްޑް ކަޕުން ކަޓައިގެން ދިޔައީ ގަދަ 32 ގައި ޕޯޗުގަލް ކައިރިން ހިތްދަތި ގޮތަކަށް ބަލިވެގެންނެވެ. މިއީ ޑަލިޗާއެކު އެގައުމުން ނުކުތް ތިންވަނަ ވޯލްޑް ކަޕެވެ. މިދިޔަ ދެ ވޯލްޑް ކަޕްގައި ޑަލިޗާއެކު ކްރޮއޭޝިއާއިން ވަނީ ތާރީހީ ކާމިޔާބީތަކެއް ހޯދައިފައެވެ.

އެގޮތުން އެތައް ބަޔަކު ހައިރާން ކޮށްލައި ކްރޮއޭޝިއާއިން 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އެޓީމު ނިންމާލީ ތިންވަނަ ހޯދައިގެންނެވެ.

މީގެ ނުވަ އަހަރު ކުރިން ގައުމީ ޓީމާ ހަވާލުވި ޑަލިޗް ބުނީ، ފުރަތަމަ ގައުމީ ޓީމާ ހަވާލުވިއިރުވެސް އޭރު އޮތް ޖީލުގެ ހުނަރުވެރިކަން އެނގޭ ނަމަވެސް، ޓީމާއެކު މިހާތަނަށް ހޯދި ކާމިޔާބީތައްް ހޯދޭނެ ކަމަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާ ކަމަށެވެ. ޑަލިޗް ބުނީ ގައުމީ ޓީމާއެކު އެތައް ބޮޑެތި މުބާރާތްތަކަކަށް ކޮލިފައިވެ، ޖުމުލަ ތިން މެޑަލް ހޯދުމުގެ އިތުރުން ވޯލްޑް ކަޕްގައި ބްރެޒިލާއި އިންގްލެންޑް ފަދަ ގައުމުތައް ބަލިކުރި ހަނދާން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ.

އުމުރުން 59 އަހަރުގެ ޑަލިޗް 2017 ވަނަ އަހަރު ކްރޮއޭޝިއާއާ ހަވާލުވިފަހުން ގައުމީ ޓީމުން ކުޅުނު 11 މެޗުގެ ތެރެއިން 62 މެޗުން މޮޅުވެފައިވެއެވެ. ޑަލިޗާއެކު ކްރޮއޭޝިއާއިން ވަނީ ނޭޝަންސް ލީގު 2022-23 ގެ ރަނަރަޕް ކަންވެސް ހޯދައިފައެވެ.