މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންސާ އައިޝޯސްޕީޑަށް ވޯލްޑް ކަޕް މެޗެއްގެ ތެރެއިން ނަސްލީގޮތުން ދިމާކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

އައިޝޯސްޕީޑަކީ މަޝްހޫރު ސްޓްރީމަރެކެވެ. އޭނާ ދަނީ ފީފާއާއެކު ކުރަމުންދާ ޕްރޮމޯޝަނަލް މަސައްކަތެއްގެ ދަށުން ބައެއް މެޗުތަކަށް ގޮސް ސްޓްރީމް ކުރަމުންނެވެ. އައިޝޯސްޕީޑްގެ ވީޑިއޯތަކުގައި ފީފާ ރައީސް ޖިއާނީ އިންފަންޓީނޯއާއި ސްވިޑެންގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޒްލަޓާން އިބްރަހިމޮވިޗްވެސް ފެނިގެން ގޮސްފައިވެއެވެ.

އުމުރުން 21 އަހަރުގެ އައިޝޯސްޕީޑްގެ އަސްލު ނަމަކީ ޑެރަން ޖޭސަން ވޮޓްކިންސް ޖޫނިއާއެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި 57 މިލިއަން ސަބްސްކްރައިބާސް ތިބެއެވެ. އަދި ޓިކްޓޮކްގައިވެސް އައިޝޯސްޕީޑަށް 53 މިލިއަން މީހުން ފޮލޯކުރެއެވެ.

ފީފާއިން ބުނީ ގަދަ 32 ގައި އާޖެންޓީނާއާއި ކޭޕް ވާޑް ވާދަކޮށް، 3-2 އިން އާޖެންޓީނާ މޮޅުވި މެޗުގައި މިޔާމީގެ ހާޑް ރޮކް ސްޓޭޑިއަމުން އައިޝޯސްޕީޑާ ނަސްލީގޮތުން ދިމާކުރި ކަމަށް މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިމަތިވި ހިސާބުން ވަގުތުން އެކަން ބަލަން ފަށާފައިވާ ކަމަށްވެސް ފީފާއިން ބުންޏެވެ.

ފީފާއިން ބުނީ ވޯލްޑް ކަޕަކީ އެކި ނަސްލުތަކުގެ މީހުންނަށް އެކުގައި އިހުތިރާމާއެކު އުފާކޮށް، ގުޅިގެން އުޅެވޭނެ މާހައުލެއް އޮންނަން ޖެހޭ މުބާރާތެއް ކަމަށާއި، އެ އުސޫލުން ބޭރުން ކުރާ ކަންކަން ބަލަމުންދާނެ ކަމަށެވެ.

އައިޝޯސްޕީޑަކީ ޕޯޗުގަލާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހާއްސަ ސަޕޯޓަރަކަށްވީ އިރު، ކޭޕް ވާޑް މެޗުގައި އޭނާ ހުރީ ކޭޕް ވާޑް ސަޕޯޓަރެއްގެ ގޮތުގައެވެ.