ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އާޖެންޓީނާއާއި މިސްރު ބައްދަލުކުރި މެޗަކީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ބޮޑު އެއް މައްސަލަގަނޑު އުފެދުނު މެޗަށް ވެއްޖެއެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން 3-2 ގެ ނަތީޖާއަކުން މިސްރު ބަލިކުރި ނަމަވެސް، މި މެޗު ފާހަގަކުރެވިގެން ދިޔައީ އާޖެންޓީނާގެ މޮޅު ކުޅުމަށްވުރެ ބޮޑަށް ރެފްރީގެ ނިންމުންތަކާއި، ވީއޭއާރްގެ މައްސަލަތަކާއި، އަދި މިސްރު ޓީމުގެ ފަރާތުން އަމާޒުކުރި ބޮޑެތި ތުހުމަތުތަކުގެ ސަބަބުންނެވެ. މެޗު ނިމިގެން ދިޔައީ ފުޓްބޯޅައިގެ ގިނަ ބައެއްގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފައްދަމުންނެވެ.
މެޗު ފެށިގެން ގޮސް، މިސްރުން ވަނީ އާޖެންޓީނާގެ މައްޗަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވައިފައެވެ. އެގޮތުން، މިސްރުން ވަނީ މެޗުގެ ކުރީކޮޅު 2-0 ގެ ލީޑެއް ނަގައި، މުބާރާތުގެ އެންމެ ބޮޑު އެއް ސަޕްރައިޒް ގެނެސްދިނުމާ ގާތަށް ގޮސްފައެވެ. ނަމަވެސް، އާޖެންޓީނާއިން ވަނީ ހިތްވަރު އެލުވައިނުލައި ކުޅެ، ފަހަތުން އަރައި ތިން ގޯލު ކާމިޔާބުކޮށްފައެވެ. އާޖެންޓީނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ރޮމޭރޯއާއި، ލިއޮނެލް މެސީގެ އިތުރުން އެންޒޯ ފެނާންޑޭޒެވެ. މި ނަތީޖާއާއެކު އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރި ނަމަވެސް، މިސްރުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް މި ނަތީޖާ ވެގެންދިޔައީ ވަރަށް ބޮޑު ބޭއިންސާފަކަށެވެ.
ވީއޭއާރްގެ މައްސަލަތަކާއި ރެފްރީގެ ނިންމުންތައް
މެޗަށްފަހު އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ރެފްރީގެ ނިންމުންތަކުގައި ހުރި މައްސަލަތަކުގެ ވާހަކައެވެ. އެންމެ ފުރަތަމަ ބޮޑު މައްސަލައެއް ދިމާވީ މިސްރުން ކާމިޔާބުކުރި ގޯލެއް ރެފްރީ ކެންސަލް ކުރުމާ ގުޅިގެންނެވެ. މިސްރުގެ މުސްތަފާ ޒީކޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު، މެޗުގެ ރެފްރީ ފްރާންސުވާ ލެޓެކްސިއޭ ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ. އެއީ އެ ހަމަލާ އުފެއްދުމުގެ ކުރިން މިސްރުގެ މަރްވާން އަތިއާ، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒަށް ފައުލްކޮށްފައިވާ ކަމަށް ނިންމުމަށްފަހުގައެވެ. ނަމަވެސް މިސްރުން ބުނިގޮތުގައި އެއީ ވަރަށް އާދައިގެ ކޮންޓެކްޓެއް ކަމަށާއި، އަދި އެއީ ގޯލާ ވަރަށް ދުރުގައި ހިނގި ކަމަކަށް ވުމުން ގޯލު ކެންސަލްކުރުމަކީ އިންސާފެއް ނޫނެވެ.
ދެވަނަ ބޮޑު މައްސަލައަކަށް ވީ މެޗުގެ ފަހުކޮޅު މިސްރުން ޕެނަލްޓީއަކަށް އެޕީލްކުރި ހާދިސާއެވެ. އާޖެންޓީނާއިން މޮޅުވި ގޯލު ޖެހުމަށް އުފެއްދި ހަމަލާގެ ކުރިން، މިސްރުގެ މުހައްމަދު ސަލާހަށް ފައުލްކޮށްފައިވާ ކަމަށް މިސްރުން ތުހުމަތުކުރިއެވެ. ނަމަވެސް ރެފްރީ ކުޅުން ކުރިއަށްގެންދަން ނިންމައި، އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާ މޮޅުވި ގޯލު ކާމިޔާބުކޮށްފައެވެ. މިސްރުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ، އެމީހުން ޖެހި ގޯލު ކެންސަލްކުރަން ވީއޭއާރް ބޭނުންކުރި ނަމަވެސް، ސަލާހަށް ކުރި ފައުލް ބަލަން ވީއޭއާރް ބޭނުން ނުކުރުމުންނެވެ.
"ފީފާއިން ބޭނުންވަނީ އާޖެންޓީނާ މޮޅުކުރަން"
މެޗަށްފަހު މިސްރުގެ ކޯޗު ހުސާމް ހަސަން ވަނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އާޖެންޓީނާއިން ފަހަތުން އަރައި މޮޅުވުމުގެ ކުރިން މިސްރުން އެދުނު ދެ ޕެނަލްޓީއެއް ރެފްރީ ނުދިން ކަމަށް ހަސަން ވަނީ ބުނެފައެވެ. މީގެ އިތުރުން، ރެފްރީއާ ދިމާއަށް ރުޅިވެރިކަން ފާޅުކުރުމުގެ ސަބަބުން ހަސަނަށް ވަނީ ރީނދޫ ކާޑެއްވެސް ދައްކައިފައެވެ.
މެޗަށްފަހު ހަސަން ބުނީ، "މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުން ބައިތިއްބަން ފަހަރެއްގައި އެމީހުން ބޭނުންވަނީ ކަމަށް ވެދާނެ" ކަމަށެވެ. މިއާއެކު، ފީފާއިން ގަސްތުގައި އާޖެންޓީނާއާއި ލިއޮނެލް މެސީ މުބާރާތުގައި ބައިތިއްބަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މެސީގެ ފަހު ވޯލްޑް ކަޕަށް ވުމުން، އާޖެންޓީނާ މުބާރާތުގައި އޮތުމަކީ ފީފާއަށް ވިޔަފާރީގެ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. ނަމަވެސް މިއީ މިހާތަނަށް ސާބިތުވެފައިވާ ކަމެއް ނޫނެވެ.
އާޖެންޓީނާގެ ހިތްވަރާއި ޗެމްޕިއަނުންގެ ސިފަ
މިސްރުގެ ތުހުމަތުތަކާ ހިލާފަށް، އާޖެންޓީނާއިން ދެކޭ ގޮތުގައި މިއީ އެޓީމުގެ ހިތްވަރާއި ޗެމްޕިއަނުންގެ ސިފަ ދައްކުވައިދިން މެޗެކެވެ. 2-0 އިން ފަހަތުގައި އޮވެ، ބޮޑު ޕްރެޝަރަކާ ކުރިމަތިލައިގެންވެސް އެޓީމުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް ލިއޮނެލް މެސީ ވަނީ ގޯލެއް ޖަހައި އަދި ގޯލު ޖަހަން އެހީތެރިވެދީ، ޓީމު ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އާޖެންޓީނާގެ ނަޒަރުގައި މިއީ ރެފްރީގެ އެހީތެރިކަމުން ހޯދި މޮޅެއް ނޫނެވެ، އެއީ އެޓީމުގެ ކުޅުންތެރިންގެ ބުރަ މަސައްކަތެވެ.
މި މެޗުގެ ސަބަބުން މުޅި މުބާރާތުގެ އިންސާފުވެރިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ރެފްރީގެ ނިންމުންތަކާއި ވީއޭއާރް ބޭނުންކުރުމުގައި ހުރި ތަފާތުތަކަކީ ސީރިއަސްކޮށް ބަލަންޖެހޭ ކަންތައްތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފީފާއިން އާޖެންޓީނާ މޮޅުކުރަން އުޅޭކަމުގެ ތުހުމަތުތަކަކީ ސާބިތުނުވާ ވާހަކަތަކަކަށް ވިޔަސް، މިފަދަ ހާދިސާތަކުގެ ސަބަބުން ފުޓްބޯޅައިގެ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ކޮންމެއަކަސް، މިސްރާއި އާޖެންޓީނާ ބައްދަލުކުރި މި މެޗު ވެގެންދާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ބަހުސްކުރެވޭނެ އެއް މެޗަށެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް