ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ކޮލަމްބިއާ އަތުން މޮޅެއް ހޯދުނީ ރަނގަޅު ވަގުތުގައި ގެނެވުނު ރަނގަޅު ބަދަލުތަކުގެ ސަބަބުން ކަމަށް ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކީން ބުނެފިއެވެ.
ސްވިޒަލެންޑުން ވަނީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ ބަލިކޮށް 1954 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފައެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސުވިޒަލެންޑުގެ ކޯޗު މުރާތު ޔަކީން ބުނީ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދިޔައީ ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާއި، އެންމެ އެކަށީގެންވާ ވަގުތުގައި ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ޔަކީން ފާހަގަކުރި ގޮތުގައި، މެޗުގެ ފެށުން އުނދަގޫ ނަމަވެސް، ކުޅުންތެރިން ދެއްކި ކެތްތެރިކަމާއި ހިތްވަރު ވަރަށް ބޮޑު ކަމަށެވެ. ހާއްސަކޮށް، މެޗުގެ ފަހު ވަގުތުތަކުގައި ރުބެން ވާގަސް އާއި ސެޑްރިކް އިޓެން އަދި ޒިކީ އަމްދޫނީ ފަދަ ކުޅުންތެރިން ދަނޑަށް ނެރުމަކީ މެޗުގެ މިސްރާބު ބަދަލުކޮށްލި ނިންމުމެއް ކަމަށް އޭނާ ބުންޏެވެ.
"އެއީ ވަރަށް އުނދަގޫ ފެށުމެއް، އެކަމަކު އަހަރެމެން ކެތްތެރިކަމާއެކު މެޗުގައި ހިފެހެއްޓިން. އަހަރެން ކުޅުންތެރިންނަށް ފުރުސަތު ދިނީ އެންމެ ރަނގަޅު ވަގުތުގައި،" ޔަކީން ބުންޏެވެ.
ޓީމުގެ މުހިންމު މިޑްފީލްޑަރު ޔޮހާން މަންޒަމްބީއަށް އަނިޔާވުމުން އޭގެ އަސަރު ޓީމަށް ކުރި ނަމަވެސް، އޭނާގެ ބަދަލުގައި އެރި އާޑޮން ޖަޝާރީ އާއި މުޅި ޓީމު ގުޅިގެން ކުރި މަސައްކަތް ޔަކީން ވަނީ ފާހަގަކޮށްފައެވެ.
މި ކާމިޔާބީއަކީ "ތާރީހީ" ކަމެއްގެ ގޮތުގައި ސިފަކުރަމުން ޔަކީން ބުނީ، ސުވިޒަލެންޑުގެ މި ދަތުރު އަދިވެސް ކުރިއަށްދާނެ ކަމަށެވެ. "މިއީ އަހަރެމެންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ، އެކަމަކު މި ދަތުރު އަދި ނުނިމޭ،" އޭނާ ބުންޏެވެ.
ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް