ޗައިނާގެ އާބާދީގެ 70 އިންސައްތައަށް ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު މެންދުރު ވަގުތު ނިދުމުގެ އާދަ ހިފަހައްޓަމުން އަންނަ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. "ވޫޖިއާއޯ" ގެ ނަމުން ނަންދީފައިވާ މި އާދައަކީ ޗައިނާގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި، އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވެސް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކަމެކެވެ.
ޗައިނާ ސްލީޕް ރިސާޗް ސޮސައިޓީން މިއަހަރުގެ މާޗު މަހު އާންމުކުރި ސާވޭއަކާ ހަވާލާދީ ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ 72 އިންސައްތަ މީހުން މެންދުރު ފަހު މަދުވެގެން 30 މިނެޓު ނިދުމަށް އިސްކަންދެއެވެ. މިއީ މީގެ 2،000 އަހަރު ކުރިން ލިޔެފައިވާ ޗައިނާގެ ސިއްހީ ފޮތެއް ކަމަށްވާ "ހުއާންގްދީ ނެއިޖިންގް" ގައި ވެސް ބަޔާންކޮށްފައިވާ ކަމެކެވެ. ޗައިނާގެ ސަގާފީ ބޭސްވެރިކަމުގައި ގަބޫލުކުރާ ގޮތުގައި، މެންދުރު ވަގުތު ނިދުމަކީ ހަށިގަނޑުގެ "ޔިން" އަދި "ޔަންގް" ގެ ހަކަތަ ބެލެންސް ކުރުމަށް މުހިންމު ކަމެކެވެ.
މި އާދައިގެ ސަބަބުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އޭޝިއަން ސައިންޓިސްޓް މެގަޒިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައިގެން ނިދުމަކީ (ޕޮލިފޭސިކް ސްލީޕް) ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދީ، ހަނދާން ގަދަކޮށްދޭ ކަމެކެވެ. އަދި މިއީ އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) އިން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ ކަމެއް ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ސަގާފަތް ޒަމާނީ މަސައްކަތުގެ މާހައުލާ ގުޅިފައިވާ ގޮތާ ބެހޭގޮތުން އިޖުތިމާއީ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، މިއީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުންފުނިތަކުން ހިތްވަރުދޭ ކަމެކެވެ. ހުއާވޭ ފަދަ ބޮޑެތި ކުންފުނިތަކުގައި މެންދުރު 1:00 އިން 2:00 އަށް މުވައްޒަފުން ނިދުމަށް ހާއްސަ ވަގުތު ކަނޑައަޅައި، އެކަމަށް ބޭނުންވާ އެނދު ފަދަ ތަކެތި ފޯރުކޮށްދީފައި ހުންނަ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އޮފީސް މޭޒުމަތީގައާއި ޕާކުތަކުގައި ވެސް މީހުން ނިދާފައި ތިބޭ މަންޒަރަކީ ޗައިނާގައި އާންމު ކަމެކެވެ.
މި އާދައަކީ ޗައިނާގެ ގަދީމީ ސިއްހީ އާދަތަކާއި ޒަމާނީ ދިރިއުޅުމުގެ ބޭނުންތައް ގުޅިފައިވާ ގޮތް ދައްކުވައިދޭ މުހިންމު މިސާލެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް