ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް، ސްވިޒަލޭންޑުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނު އިރު، 0-0 އިން މެޗު އެއްވަރުވުމުން ޕެނަލްޓީގައި ސްވިޒަލޭންޑް މޮޅުވީ 4-3 އިންނެވެ.

މިރޭގެ މެޗަށް ނުކުތް ކޮލަމްބިއާ އައީ އައީ މި ވޯލްޑް ކަޕްގައި ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. ޕޯޗުގަލް ހިމެނުނު ގްރޫޕުން ކޮލަމްބިއާ ވަނީ އެއްވަނަ ހޯދައިފައެވެ. ގްރޫޕު ސްޓޭޖުގައި ޑީއާރް ކޮންގޯއާއި އުޒްބެކިސްތާން އަތުން މޮޅުވި އިރު، ޕޯޗުގަލް އަތުން ވަނީ އެއްވަރުވެފައެވެ. ކޮލަމްބިއާ އިން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގެ މެޗުގައި ގާނާ އަތުން މޮޅުވެގެންނެވެ.

ކޮލަމްބިއާ އިން އެންމެ ފަހުން ގަދަ 16 ގައި ވާދަކުރީ ވޯލްޑް ކަޕް 2018 ގައެވެ. ނަމަވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެއް ނުވެއެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 އަށް ކޮލިފައިވެފައިނުވާ ކޮލަމްބިއާ އިން އެންމެ ފަހުން ކުއާޓާ ފައިނަލާ ހިސާބަށް ދަތުރުކޮށްފައިވަނީ ވޯލްޑް ކަޕް 2014 ގައެވެ. އެއީ ކޮލަމްބިއާގެ އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގައި ކޮލަމްބިއާއަށް އެންމެ ދުރަށް ދެވިފައިވަނީ ވެސް ކުއާޓާއާ ހިސާބަށެވެ.

އަނެއްކޮޅުން ނުކުންނަ ސްވިޒަލޭންޑުން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ހިމެނުނު ގްރޫޕުން އެއްވަނަ ހޯދިއެވެ. ގަތަރު އަތުން ސްވިޒަލޭންޑް އެއްވަރުވީ ނަމަވެސް، ބޮސްނިއާ އަދި ކެނެޑާ އަތުން ވަނީ މޮޅުވެފައެވެ. ސްވިޒަލެންޑުން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގެ މެޗުގައި އަލްޖީރިއާ ބަލިކޮށްގެންނެވެ.

ސްވިޒަލެންޑުން ވަނީ އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 އާ ހިސާބަށް ދަތުރުކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ކުއާޓާ ފައިނަލާ ހިސާބަށް ސްވިޒަލެންޑް ދަތުރުކޮށްފައިވަނީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް 1954 ގައެވެ. އޭގެ ކުރިން ވެސް ދެ ވޯލްޑް ކަޕެއްގެ ކުއާޓާގައި ސްވިޒަލެންޑުން ވާދަކުރިއެވެ. ވޯލްޑް ކަޕްގައި ސްވިޒަލެންޑަށް އެންމެ ދުރަށް ދެވިފައިވަނީ ވެސް ކުއާޓާއާ ހިސާބަށެވެ.

ކޮލަމްބިއާއިން މެޗަށް ނުކުތީ ފޯވަޑް ޖޯން ކޯޑޮބާގެ ބަދަލުގައި ލުއިސް ސުއަރޭޒަށް ފުރަތަމަ 11 އިން ޖާގަ ދީގެންނެވެ. ސްވިޒަލޭންޑަށް އަނިޔާގެ ބައެއް މައްސަލަތައް ކުރިމަތިވި އިރު، އެންމެ ފޯމުގައި ހުރި ޔޯހާން މަންޒަމްބީއަށް މެޗު ކުޅެވޭ ގޮތެއް ނުވިއެވެ. އަދި ރުބެން ވާގަސްވެސް ބެންޗުން ފެށި އިރު، ބަދަލުގައި ފުރުސަތުދީފައިވަނީ ފަބިއަން ރީޑާ އަދި އާޑޮން ޖަޝާރީއަށެވެ.

މެޗުގެ ފުރަތަމަ 20 މިނެޓް ފެނުނީ އެންމެ ޝައުގުވެރި ގޮތަކަށް ނޫނެވެ. ދެޓީމުންވެސް ގޭމް ތެރެއަށް ވަންނަން މަސައްކަތް ކުރި އިރު، މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރިތަނެއް ނުފެނެއެވެ. އެހެން ދަނިކޮށް، 21 ވަނަ މިނެޓުގައި ކޮލަމްބިއާއިން ނުރައްކާ ކުރިއެވެ.

ލުއިސް ޑިއާޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގުސްތާވޯ ޕުއޭޓާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ގްރޮގޯ ކޮބެލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެ އިރުކޮޅެއްފަހުން 30 ވަނަ މިނެޓުގައި ސްވިޒަލޭންޑުން އަނެއްކޮޅުން ނުރައްކާކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕަބިއަން ރީޑާ ފޮނުވާލި ހަމަލާ މަތަކުރީ ކޮލަމްބިއާ ކީޕަރު ކެމީލޯ ވާގާސްއެވެ. މާ އުނދަގޫ ސޭވެއް ނޫން ނަމަވެސް ސްވިޒަލޭންޑުން މަޑުމަޑުން ގޭމް ހުޅުވާލިއެވެ.

ނަތީޖާއެއްގެ ގޮތުން ދެމިނެޓް ފަހުން ޑޭން އެންޑޯވެސް ނުރައްކާކުރިއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ، ތިރިތިރިން ދިޔައީ ކީޕަރު ވާގަސް އަތަށެވެ.

އެއާއެކު ފުރަތަމަ ހާފު ނިމުނީ އިތުރު ހަމަލާއެއް ނުފެނި ނަމަވެސް، ދެވަނަ ހާފުގައި ދެޓީމުންވެސް ކުރިއަށްވުރެ ބޮޑަށް ނަތީޖާއަކަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދެޓީމުންވެސް ފެނުނީ ފަހަތަށް ވަރަށް ބޮޑަށް ވިސްނައިގެން ކުޅުނު ތަނެވެ.

ހާފުގެ ފުރަތަމަ ހަމަލާ 48 ވަނަ މިނެޓުގައި ފެނުނު އިރު، އެންޑޯއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޖިބްރީލް ސޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވިއެވެ. އަދި އޭގެފަހުން ހިލޭ ޖެހުމެއްގައި ރީޑާ ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ. އެހެން ނަމަވެސް ދަނޑި ކައިރިންނެވެ.

ފުރަތަމަ ކޮޅުގައި ސްވިޒަލޭންޑް ބޮޑަށް ނުރައްކާ ކުރި ނަމަވެސް، ދެން އަނެއްކާވެސް ފެނުނީ ކޮލަމްބިއާގެ ނުރައްކަލެކެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސްވިޒަލެންޑް ކެޕްޓަން ގްރެނިޓް ޖަކާ އަތުން ގެއްލުނު ބޯޅައަކުން، ޕެނަލްޓީ އޭރިއާ ބޭރުން ސުއަރޭޒް ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ބޭރަށެވެ.

ފަހު ވަގުތު ކޮޅުގައި ދެޓީމުންވެސް އޭރިއާ ތެރެއަށް ހުރަސްތައް ނަގަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ޓީމަކަށް ފުރިހަމަ ވަގުތުގައި ނަތީޖާ ނެރެން ހުސް ފުރުސަތެއް ނުހޯދުނެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފަހުވަގުތު ސްވިޒަލޭންޑްގެ އެންޑޯއީ އަށެވެ. އޭނާ އަރިމަތިން ގޮސް ގޯލް ހުރަސްކޮށް ދުރު ކަނަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އިތުރު ވަގުތުގައި މެޗު ފެނުނީ ކުރިއަށްވުރެ ބޮޑަށް ހަމަލާތައް ގިނަކޮށެވެ. ހާއްސަކޮށް ކޮލަމްބިއާއިން ވަނީ ގޯލަކާ ކައިރިއަށް ޖެހިލައިފައެވެ. އެގޮތުން ހުއާން ފެނާންޑޯ ކިންޓޭރޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖޯން ލުކޫމީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑިއަށެވެ.

އޭގެ މިނެޓެއް ފަހުން 101 ވަނަ މިނެޓުގައި ޔަމިންޓަން ކަމްޕާޒް ދުރުން ފޮނުވާލި ހަމަލާ މަތަކުރީ ސްވިޒަލޭންޑްގެ ކީޕަރު ކޮބެލްއެވެ.

އެ ދެ ހަމަލާއާއެކު މެޗު ފޯރިގަދަވެގެން ދިޔަ އިރު، ދެޓީމުވެސް ދިޔައީ ޕެނަލްޓީއަށް ދިޔަނުދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްވިޒަލޭންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބަދަލު ކުޅުންތެރިޔާ ޒިކީ އަމްދޫނީ ފޮނުވާލި ހަމަލާ، ކޮލަމްބިއާ ކީޕަރު ވާގާސް މަތަކުރި އިރު، އަނެއްކޮޅުން ރިޗާޑް ރިއޯސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑިއާޒް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައެވެ.

އެ ޓެމްޕޯގައި އިތުރުވަގުތުގެ ދެވަނަ ހާފުވެސް ފެނުނު އިރު، 115 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޖަކާގެ ގޯހަކުން ލިބުނު ބޯޅައިގައި ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް އޮވެ، ކަމްޕާސް ފޮނުވާލި ހަމަލާ ދިޔައީ މަތިން ބޭރަށެވެ. އެއީ ނަތީޖާ ނެރުމަށް މެޗުގައި ލިބުނު އެންމެ ހުސް އެއް ފުރުސަތެވެ.

އެ ފުރުސަތުވެސް ބޭކާރުވެ މެޗު ދިޔައީ ޕެނަލްޓީއަށެވެ. ކޮލަމްބިއާގެ ފުރަތަމަ ޕެނަލްޓީ ހުއާން ފެނާންޑޯ ކިންޓޭރޯ ކާމިޔާބުކުރި އިރު، އަނެއްކޮޅުން ޖަކާވެސް ޕެނަލްޓީ ވެއްދިއެވެ. އަދި ކޮލަމްބިއާގެ ކެޕްޓަން ބޭންޑުގައި ޑޭވިންސަން ސަންޗޭޒް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ޕެނަލްޓީއަށްފަހު ސްވިޒަލެންޑްގެ ޒިކީ އަމްދޫނީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރި އިރު، ކޮލަމްބިއާގެ ކަމްޕާސް ޖެހި ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. މެޗު އަނެއްކާވެސް އެއްވަރުވީ މެނުއަލް އަކާންޖީ ބޭރަށް ޖެހުމާއެކުގައެވެ. އެހެން ނަމަވެސް ސްވިޒަލޭންޑްގެ ކީޕަރު ކޮބެލް ވަނީ ކުޗޯ ހެނާންޑޭޒްގެ ޕެނަލްޓީ މަތަކޮށްފައެވެ. އޭގެފަހުން ސްވިޒަލޭންޑްގެ ސެޑްރިކް އިޓެންއާއި ކޮލަމްބިއާގެ ލުއިސް ޑިއާޒްގެ ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، ވާގަސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް ސްވިޒަލޭންޑްގެ އިންތިޒާރަށް ނިމުން ގެނެސްފައެވެ.