އަސާސީ ހިދުމަތްތަކާއި ތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ކުރި ހޭދަ، މިދިޔަ އަހަރު އަންދާޒާކުރި މިންވަރަށް ވުރެ ބޮޑުތަނުން އިތުރުވެފައިވާކަމަށް މިދިޔަ އަހަރުގެ ބަޖެޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާގޮތުން، ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރި ހޭދަ ވަނީ 300 ޕަސަންޓަށް އިތުރުވެފައެވެ. އަދި ކަރަންޓުގެ އަގު ހެޔޮކުރުމަށް ދިން އެހީ 120 ޕަސަންޓަށް ވަނީ އިތުރުވެފައެވެ. ކާބޯތަކެތީގެ ސަބްސިޑީއަށް ބަލާއިރު، މިދިޔަ އަހަރުގެ ބަޖެޓު ފާސްކުރިއިރު ކަނޑައަޅާފައިވަނީ 93 މިލިއަން ރުފިޔާއެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި ރާއްޖޭގެ ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، އަހަރު ނިމުނުއިރު މި ހޭދަ ވަނީ 384 މިލިއަން ރުފިޔާއަށް އަރާފައެވެ.

މި ބަދަލު އައީ ބާޒާރުގެ އަގުތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ވިއްކަން ފެށުމުންނެވެ. އޭގެ ތެރޭގައި ފިޔާ، އަލުވި، ބަށި، ކަރާ އަދި އޮރެންޖު ފަދަ 10 ވައްތަރެއްގެ ތަރުކާރީއާއި 10 ވައްތަރެއްގެ މޭވާގެ އިތުރުން ކުކުޅުބިހާއި މުގު ހިމެނެއެވެ.

ކަރަންޓުގެ ހިދުމަތަށް ބަލާއިރު، ރައްޔިތުންގެ އަތުން ނަގާ ފީ ކުޑަކުރުމަށްޓަކައި ސްޓެލްކޯ އާއި ފެނަކައަށް ދިން ސަބްސިޑީ ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ބަޖެޓުގައި 379 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ވަނީ 834 މިލިއަން ރުފިޔާއަށް އުފުލިފައިކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރި ހޭދަވެސް ވަނީ ބަޖެޓުކުރި ވަރަށް ވުރެ ތިން ގުނަ އިތުރުވެ، 1.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.