ދައުލަތުގެ ބަޖެޓުން، އަމިއްލަ މީޑިއާތަކަށް މިއަހަރު ދޭ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވި ދެ މީޑިއާއެއް ފިޔަވައި، ދެން ތިބި މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ން ބުނެފިއެވެ.

އެމްއެމްބީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލީ އެހީތެރިކަމަށް ޝަރުތު ހަމަވާ 41 މީޑިއާއެއްގެ މައުލޫމާތު މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށެވެ.

"ނަމަވެސް ޝަރުތު ހަމަވެފައިވާ 41 އެޕްލިކޭޝަންގެ ތެރެއިން ދެ އެޕްލިކޭޝަނަކީ އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާމްކަން ފާހަގަވުމާ ގުޅިގެން، އެކަމާގުޅޭ ގޮތުން އެ މީޑިއާއާ މި ކޮމިޝަނުންވަނީ ބައްދަލުކޮށް މިކަން ހިންގާފައިވާ ގޮތް އޮޅުންފިލުވައި، މިކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި މިކަން ހައްލުކޮށް ނިމެންދެން އެ ޕޭމަންޓު ހޯލްޑްކޮށްފައި ބެހެއްޓުމަށް މި ކޮމިޝަނުން މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޓް އާޓްސްއަށް އަންގާފައެވެ." އެމްއެމްބީސީން ބުންޏެވެ.

އެ ދެ މީޑިއާގެ ޕޭމަންޓް ހޯލްޑުކުރި ނަމަވެސް "ބާކީ 39 މީޑިއާއަށް ލިބޭ ފައިސާ ދިނުމުގެ ކަންކަން މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޓް އާޓްސް އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާއި ގުޅިގެން ކުރިއަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރިއަށް" ކަމަށް އެމްއެމްބީސީން ބުންޏެވެ.

އެހެންކަމުން މީޑިއާތަކަށް ދައުލަތުން ދޭ އެހީތެރިކަން މިހާރު ލިބޭނީ 40 މީޑިއާއަކަށްކަމަށް އެމްއެމްބީސީން ބުންޏެވެ.