ކެޕިޓަލް ހަރަދުތައް ދަށްކޮށް، ދައުލަތުގެ ބަޖެޓުން ކުރި ހޭދަ 15.5 ޕަސަންޓު ދަށްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަންގާރަ (9 ސެޕްޓެމްބަރު 2025) ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ 25.4 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 15.5 ޕަސަންޓު ދަށް އަދަދެކެވެ. އޭގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ކެޕިޓަލް ހަރަދު 57.7 ޕަސަންޓުން ދަށްވުމެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި، ރިކަރަންޓް ހަރަދުގެ 56.7 ޕަސަންޓު ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 4.5 ޕަސަންޓު ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 15.5 ޕަސަންޓުން ދަށްވެފައިވާ އިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 15.6 ޕަސަންޓުން ދަށްވެފައެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރު ކުރުމަށް ކުރެވޭ ހޭދަ ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 5.8 ޕަސަންޓުން ދަށްވެފައެވެ. އެއާއެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅައިބަލާއިރު 7.0 ޕަސަންޓުން ވަނީ ދަށްވެފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަންގާރައިގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 2.9 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފައެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ބަޖެޓުން 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާ އިރު، މި އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ މާލީ ތަފާސްހިސާބުަކުން ދައްކައެވެ. މި އަހަރު ޕިއެސްއައިޕީ ބެޖެޓުހެ ބޮޑު ޕަސަންޓެއް ހޭދަކޮށްފައި ވަނީ، ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށެވެ. އެގޮތުން އެފަދަ މަޝްރޫއޫތަކަށް ޖުމުލަ 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 131.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަންގާރައިގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވައޯލް 868.7 މިލިއަން ރުފިޔާގެ ސަޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.