ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު އިތުރުވި ނަމަވެސް ޖުމްލަ ހަރަދުތައް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރަމުން އަންނަ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" އިއްޔެ އާންމުކޮށްފައިވާ އިރު، އޭގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ސަރުކާރުން ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 17.1 ބިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު ވަނީ 17.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސުން ބުންޏެވެ.

ރިޕޯޓުގައި ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ޖުމްލަ ހަރަދުތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާ ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 26.3 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެއް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނިމުނު ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރައިގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 6.7 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު އިތުރު އަދަދެއްކަމަށް ފިނޭންސުން ބުންޏެވެ.

މިނިސްޓްރީން ބުނީ ކެޕިޓަލް ހަރަދުތައް މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް ވަނީ 61.4 ޕަސަންޓަށް ދަށްކޮށްފައި ކަމަށެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.3 ބިލިޔަން ރުފިޔާ ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 5.9 ބިލިޔަން ރުފިޔާގައި ކަމަށް މިނިސްޓްރީން ބުންޏެވެ.