ތިން ވަނަ އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026 (އައިޖޭސީއެޗްޕީ 2026) ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި ކޮންފްރަންސް މިއަދު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "އެޑިއުކޭޝަން އެންޕަވާމަންޓް އެންޑް އެވިޑަންސް، ލީޑިން ދަ ފިއުޗާ އޮފް ހެލްތްކެއާ ފޯ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.
މި ކޮންފަރެންސްގައި ރާއްޖެ ހިމެނޭހެން ޖުމުލަ ނުވަ ގައުމަކުން ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މިފަދަ ކޮންފަރެންސްތަކުގެ ޒަރިއްޔާއިން ބިނާކުރަނިވި މަޝްވަރާތަކަކަށް މަގުހުޅުވިގެންދާނެ ކަމަށެވެ. އަދި އެކިގައުމުތަކުން ސިއްހީ މާހިރުން ބައިވެރިވުމުން ރަމްޒުކޮށްދެނީ އިލްމާއި، ގުޅިގެން މަސައްކަތްކުރުމާއި އީޖާދީ ގޮތްތަކުގެ ތެރެއިން ސިއްހީ ދާއިރާ ކުރިއެރުވުމަށް އޮތް ގުޅިފައިވާ އަޒުމްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވަމުން އެކަމަނާ ވިދާޅުވީ، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުހަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުންކަމަށާއި، ގިނަ ފަހަރަށް ބަލިމީހާގެ ހާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެމީހަކާ ވަކިވެގެންދާ ބަޔަކީވެސް ނަރުހުންކަމުގައި ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށްފަހު، ދިވެހި ނަރުހުންގެ ޖަމިއްޔާގެ ރައީސާ މަރިޔަމް ޝިފާނާ ހުސެއިން "ވަން"އަށް ވިދާޅުވީ، މި ކޮންފްރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ސިއްހީ ހިދުމަތްތެރިން ރިސާޗްހެދުމާއި ލީޑާޝިޕްގެ ތަމްރީނުތައް ހަދާފައި ހުންނަ ރިސާޗްތައް ޕްރެސެންޓް ކުރުމާއި ވޯކްޝޮޕްތައް ކުރިޔަށްގެންދިއުން ކަމަށެވެ. ހަމަ މިއާއި އެކު ސިއްހީ ހިދުމަތްތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އަދާހަމަ މައުލޫމާތުތަކަށް އަހުލުވެރިކުރުވުމަކީ ވެސް މި ކޮންފްރެންސްގެ މުހިންމު މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ރަށްތަކުގެ އިތުރުން އޮސްޓްރޭލިޔާ، ޗައިނާ، ނެދަލެންޑްސް، ސައުތު އެފްރިކާ، އިންޑިޔާ، އަދި ސްރީލަންކާ ޕާޓިސިޕަންޓުން އެބަ ހިމެނޭ. ކޮންފަރެންސްގައި ޖުމުލަ 200 ބައިވެރިން އެބަ ހިމެނޭ، ޝިފާނާ ވިދާޅުވިއެވެ.
ދިވެހި ކުދީންނަށް 150 ޖާގަ، ރާއްޖެެއިން ބޭރުން ވަޑައިގަންނަވާ ބޭފުޅުންނަށް 50 ޖާގަ ހާއްސަ ކޮށްފައިވާ ކަމަށް ޝިފާނާ ވިދާޅުވިއެވެ.
"މި ކޮންފަރެންސް މި ބޭއްވެނީ ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުން ދެއްވާ އެހީތެރިކަމާއެކީގައި. އުންމީދުކުރަނީ ވީހާވެސް ގިނަ ކުދިން މި ރިސާޗް ކޮންފްރަންސްތަކުގައި ބައިވެރިވެ ޕްރެސެންޓްކުރާނެ ކަމަށް." ދިވެހި ނަރުހުންގެ ޖަމިއްޔާގެ ރައީސާ ވިދާޅުވިއެވެ.
އޭގެ އިތުރުން ޝިފާނާ ވިދާޅުވީ ވޯކްޝޮޕްތައް ކުރިންޔަށްގެންދަނީ އިތުރު ފީއަކާ ނުލާ ކަމަށާއި މި ވޯކްޝޮޕްތަކުގައި ދުނިޔޭގެ ފެންވަރުގައި ރިސާޗްކުރާނެ އާ ގޮތްތަކަށް ލޯހުޅުވައިދޭނެ ކަމަށެވެ.
ރީ ޓްރޭން ނުކުރާނަމަ އަޕްޓުޑޭޓް މައުލޫމާތު ނުލިބޭނެކަމަށާއި މީގެ 20 އަހަރު ކުރީގެ ބޭސްފަރުވާގެ ނިޒާމަށް އަންނަ ޒަމާނީ ބަދަލުތަކަށް، މިފަދަ ވޯކްޝޮޕްތަކުގެ ސަބަބުން ސިއްހީ މާހިރުންގެ ލޯހުޅުވިގެންދާނެކަންވެސް ޝިފާނާ ފާހަގަކުރެއްވި އެވެ.
ފާތިމަތު ލިއުޝާ
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު
ކޮމެންޓް